10 Apr 2019, 23:39
ބާރަށު ދާއިރާގެ ތިން ވޯޓު ފޮއްޓެއް ގުނި އިރު، އެ ދާއިރާ އަށް ވާދަ ކުރެއްވި ދެ ކެންޑިޑޭޓުންނަށްވެސް ހަތް ވޯޓު އިތުރުވެއްޖެ އެވެ.
ބާރަށު ދާއިރާގެ ވޯޓު ފޮށިތައް ގުނަން ނިންމީ އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ޝަކުވާތަކާ ގުޅިގެންނެވެ.
މިރޭ އިލެކްޝަންސް ކޮމިޝަނުން އަލުން ގުނާފައިވަނީ، ބާރަށު ދާއިރާގެ މާލޭގައި ބެހެއްޓި ދެ ވޯޓު ފޮއްޓަކާއި ބާރަށުގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮއްޓެވެ.
ގުނި ވޯޓު ފޮށި ތަކުގެ ތެރެއިން ބަދަލު އައިސްފައިވަނީ ހަމަ އެކަނި ބާރަށުގައި ބެހެއްޓި ދެ ނަންބަރު ވޯޓު ފޮށީގެ ބާތިލް ވޯޓުގެ ނަތީޖާ އަށެވެ. އެ ވޯޓު ފޮށީގައި ކުރިން އިނީ 16 ބާތިލް ވޯޓެވެ.
އެ 16 ވޯޓުގެ ތެރެއިން ކޮންމެ ކެންޑިޑޭޓަކަށް ވެސް ހަތް ވޯޓު އިތުރުވިއެވެ.
އެގޮތުން މިހާރު ވަގުތީ ނަތީޖާ ދައްކާ ގޮތުން އެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަހްމަދު އަބްދުﷲ އަށް ލިބެނީ، 1،531 ވޯޓެވެ. އަދި އެ ދާއިރާގެ މިހާރުގެވެސް މެމްބަރު އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއު އަށް ލިބެނީ، 1489 ވޯޓެވެ. ބާތިލް ވޯޓުގެ އަދަދަކީ 50 އެވެ.
އަހްމަދު އަބްދުﷲ ގޮނޑި ކާމިޔާބު ކުރެއްވީ، 42 ވޯޓުގެ ނަތީޖާ އަކުންނެވެ. މިހާރުގެ ޖުމްލަ ބާތިލް ވޯޓާއި ދެ ކެންޑިޑޭޓުންގެ ފަރަގު އެހާ ކުޑަ ވުމުން އިލެކްޝަންސް ކޮމިޝަނުން ނިންމީ ބާކީ ހުރި ވޯޓު ފޮށިތައް ނުގުނުމަށެވެ.
މިއަދު އަލުން ގުނަން ނިންމި ބައެއް ވޯޓު ފޮށިތައް ގުނާ ނުނިމޭތީ އިލެކްޝަންސް އިން ވަނީ ދާއިމީ ނަތީޖާ އިއުލާން ކުރުން މާދަމާ އަށް ފަސް ކޮށްފައެވެ.
ބާރަށު ދާއިރާގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެހެން ތިން ދާއިރާއެއްްގެ ވޯޓު ފޮށިތަކެއް ވެސް އަލުން ގުނުމަށް ނިންމާފައެވެ. އަލުން ގުނަން ނިންމި މާމިގިލީ ދާއިރާ އާއި ފޮނަދޫ ދާއިރާގެ ނަތިޖާތަކަށް މާބޮޑު ބަދަލުތަކެއް އައިސްފައިނުވެެއެވެ. އޭގެ އިތުރުން އިލެކްޝަންސް އިން އަލުން ގުނަން ނިންމި މާވަށު ދާއިރާގެ 69 ވޯޓު ފޮއްޓެއް ވޯޓު ގުނުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.