އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މިއަހަރުވެސް ރަމަޟާން މަހާ ގުޅިގެން މަހު މުދާ ވިއްކާ ތަންތަނާއި ސައި ހޮޓާ ފަދަ ތަންތަން ރޭގަނޑު ބަންދުކުރަން ޖެހޭ ގަޑިއަށް ބަދަލުގެނެސްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމު ކުރި އިއުލާންގައި ބުނީ މި މަހުގެ 29 އިން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު، އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމުގައި ހަމަޖައްސައިފައިވާ ކަަމަށެވެ.

އަދި ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ސައި ހޮޓާ، ރެސްޓޯރަންޓު އަދި ކެންޓީނު ފަދަ ތަންތަނުން ކެއިންބުއިމުގެ ޚިދުމަތް ދިނުމަށް ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ އިރުއޮއްސުމާ މެންދަމު 3:00 އާ ދެމެދު ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ކަލަންޑަރުގައިވާގޮތުން މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލެވެނީ އަންނަ މަހުގެ ހަ ވަނަ ދުވަހެވެ.

ރަމަޟާން މަހާ ގުޅިގެން މުދާ ވިއްކާ ތަންތަނާއި އަދި ސައި ހޮޓާ ފަދަ ތަންތަނުގެ ހިދުމަތަށް ބަދަލު ގެނައިރު ދާދި ފަހުންވެސް އެ ތަންތަން ރޭގަނޑު ބަންދުކުރަން ޖެހޭ ވަގުތު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފިހާރަތައް ރޭގަނޑު ބަންދުކުރަން ޖެހޭ ވަގުތު 11 ޖަހަންދެން ވަނީ އިތުރުކޮށްފައެވެ. އަދި ސައި ހޮޓާ ރެސްޓޯރެންޓްތައްވެސް މެންދަމު އެކެއް ޖަހަންދެން ހިދުމަތް ދެވޭ ގޮތަށް ދާދި ފަހުން ވަނީ އިތުރުކޮށްފައެވެ.

އޭގެ އިތުރުން ހާއްސަ ހުއްދައާއެކު ރެސްޓޯރެންޓްތަކާއި އަދި ފިހާރަތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަވެސް ސަރުކާރުން ވަނީ ދީފައެވެ.