11 Apr 2019, 18:29
ގްރީން ޓެކުހުގެ ގޮތުގައި މިއަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ގްރީން ޓެކްސް ފަންޑަށް 158 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
ދައުލަތުގެ ޓެކްސް އިދާރާ (މީރާ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ފެބްރުއަރީމަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ 79 މިލިއަން ރުފިޔާއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓު، ހޮޓާ އަދި ގެސްޓްހައުސް ތަކުން ގްރީން ޓެކުހުގެ ގޮތުގައި ދެއްކި 76 މިލިއަން ރުފިޔާ އާއި ލިވަބޯޑުތަކުން ގްރީން ޓެކުހުގެ ގޮތުގައި ދެއްކި 2.9 މިލިއަން ރުފިޔާ އެވެ.
ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކާފައިވަނީ މާލެ އަތޮޅުންނެވެ. އެއީ 27.92 މިލިއަން ރުފިޔާ އެވެ.
ދެވަނަ އަށް ފެބްރުއަރީ މަހު އެންމެ ގިނަ އިން ގްރީން ޓެކްސް ދެއްކީ އދ. އަތޮޅުންނެވެ. އެއީ ނުވަ މިލިއަން ރުފިޔާ އެވެ. ތިންވަނަ އަށް އެންމެ ގިނައިން ޓެކްސް ދެއްކީ ބ. އަތޮޅުންނެވެ. އެ އަތޮޅުން ޖުމްލަ ހަ މިލިއަން ރުފިޔާ އެވެ.
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ރިސޯޓުތަކުން ރެއަކަށް ހަ ޑޮލަރު އަދި ގެސްޓު ހައުސްތަކުން ރެއަކަށް ތިން ޑޮލަރު ނަގަ އެވެ.
ގްރީން ޓެކްސްގެ ފައިސާ ބޭނުންކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށްކަން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަށަވަރުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.