12 Apr 2019, 21:15
ގައިދީންގެ އުފެއްދުންތެރި ކަމުގެ މައުރަޒު ނުވަތަ "އިންމޭޓްސް ކްރިއޭޓިވިޓީ ފެއާ 2019" ގައި ގައިދީންގެ އުފެއްދުންތެރި މަސައްކަތްތައް ދައްކާލައިފި އެވެ.
މި މައުރަޒަކީ ގައިދީން އަމިއްލަ މަސައްކަތުން އެ މީހުންގެ ހުނަރުތައް ބޭނުން ކޮށްގެން އުފައްދާ ތަކެތި އާންމުންނާ ހަމައަށް ގެނެސްދިނުމަށް ޓަކައި ކޮންމެ އަހަރަކުވެސް ކަރެކްޝަނަލް ސާވިސް އިން އިންތިޒާމް ކޮށްގެން ސިލްސިލާ ގޮތެއްގައި ބާއްވާ މައުރަޒެކެވެ. މިއީ މި މިއައުރަޒު ބާއްވާ އަށް ވަނަ ފަހަރެވެ.
މިއަހަރުގެ މައުރަޒު މިއަދު މާފުށީ ސުކޫލްގައި ހުޅުއްވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެކަނބަލުންނެވެ.

ގައިދީންގެ އުފެއްދުންތެރި މައުރަޒު ރައީސްގެ ދެކަނބަލުން ހުޅުއްވައި ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް
މި މައުރަޒުގައި ރައީސް ސޯލިހްގެ ދެކަނބަލުންނާއި ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މައުރަޒުގައި ދައްކާލި ތަކެތި އެފެއްދި ގައިދީންވެސް ވަނީ ބައިވެރިކޮށްފައެވެ.
މައުރަޒު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރާއްޖޭގެ އިޖުތިމާއީ ވެށި ހަލާކުވެފައި އޮތުމާއި ރާއްޖޭގެ ޒުވާނުންގެ އެތައް ސަތޭކަ ޒުވާނުން ޖަލު ބަންދުގައި ތިބެން ޖެހުން ކަމަށެވެ.

ގައިދީންގެ އުފެއްދުންތެރި މައުރަޒު ހުޅުއްވާދެއްވުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޝޭހް އިމްރާން ވާހަކަ ދައްކަވަނީ --ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
އެ ގޮން ޖެހުންތަކުން އަރައިގަތުމަށްތަކައި ސަރުކާރުން ގަބޫލުކުރަނީ، ޖަލަކީ އަދަބު ދިނުމަށް ލެވޭ ތަނެއް ނޫން ކަމަށާއި ޖަލަކީ ފަރުދުން އިސްލާހުކޮށް އެ ފަރުދުން މުޖުތަމައުއަށް އަނބުރާ ނެރުމަށް ލެވޭ ފަށަލައެއް ކަމަށް އިމްރާން ވިދާޅުވިއެެވެ.
"ސަރުކާރުގެ ތަސައްވަރަކީ ސަރުކާރުގެ ބެލުމުގެ ދަށުގައިވާ ފަރާތްތައް މުޖުތަމައުއަށް އަލުން އަނބުރާ ނެރުމަށްޓަކައި ހުނަރުތަކާއި އެކި އެކި ރިވެތި ސިފަތަކާއި އަދި އިލްމުތައް ދަސްކޮށްދިނުން،" އިމްރާން ވިދާޅުވީ މިއަދު ހުޅުވިގެން މިދިޔަ މައުރަޒަކީ ރަމްޒެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތާގައި އެފަދަ ޕްރޮގްރާމްތައް ބޮޑުކޮށް ފުޅާ ކުރުން ކަމަށެވެ.

ގައިދީންގެ އުފެއްދުންތެރި މައުރަޒުގެ ތަކެތި ރަައީސް ސޯލިހް ބައްލަވާލައްވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މިވަގުތު ހުކުމް ތަންފީޒު ކުރުމަށް ޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކުރެވިފައިވާ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ދެވޭ އުޖޫރައަކީ އާދަޔާހިލާފު ކުޑަ އުޖޫރައެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އެކަން އަލުންދިރާސާކޮށް އެ ފަރާތްތައް ކުރާ މަަސައްކަތާ އެކަށީގެންވާ އުޖޫރައެއް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ގައިދީންގެ އުފެއްދުންތެރި މައުރަޒުގެ ތެރެއިން ގައިދީން ކުރަހާފައިވާ ތަސްވީރުތަކެއް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މިއަދު ހުޅުވިގެން މި ދިޔަ މައުރަޒާ ގުޅޭގޮޮތުން، ކަރެކްޝަންސް އިން ބުނި ގޮތުގައި މި ފެއާ ބޭއްވުމުގެ މަގުސަދަކީ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ހުނަރުވެރި މަސައްކަތްތައް އާންމުންނާ ހަމައަށް ގެނެސްދީ، އެމީހުން އަނބުރާ މުޖުތައުއަށް ނިކުންނަ އިރު އެމީހުންނަކީ ވެސް މުޖްތައު ބަލައިގަންނަ ބަޔަކަށް ހަދައި، އެމީހުންނަށް ވެސް މުޖުތަމައު ތެރެއިން ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.
މައުރަޒު ހުޅުއްވައިދެއްވުމަށް ފަހު، ރައީސް ސޯލިހް ވަނީ މައުރަޒުގައި ދައްކާލާފައިވާ ތަކެތި ބައްލަވާލައްވާފައެވެ. އަދި ކޮންމެ ގައިދީއަކާ ވެސް ވަކިވަކިން ބައްދަލުކުރެއްވިއެވެ.

މައުރަޒުގައި ދެ ގައިދީއަކު ކުރަހަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މި މައުރަޒުގައި 43 ގަދީއަކު ހަދާފައިވާ 156 ތަކެތި މިރޭ މާފުށީ ސުކޫލް ހޯލުގައި ވިއްކުމަށް ވަނީ ހަމަ ޖެހިފައެވެ. މައުރަޒުގައި ހިމެނިފައިވާ ތަކެތީގެ ތެރޭގައި ގައިދީން ހައްދާ މޭވާއާއި ތަރުކާރީ އަދި އަތްތެރި މަސައްކަތުގެ އެތަކެއް އެއްޗެއް ވަނީ ހިމަނާފައެވެ.
މި މައުރަޒު ކުރިއަށްދިޔުމަށް ހަމަޖެހިފައިވަނީ މިއަދާ މާދަމާގެ ނިޔަލަށެވެ.