ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގައި މިހާރު ފެއިލްވެފައި އޮތް ލީޑާޝިޕް އިސްތިއުފާ ދިނުމަށްފަހު އާ ލީޑާޝިޕަކަށް ޖާގަދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ.

މިރޭ ކުރެއްވި ޓްވީޓެއްގައި ނިހާން ވަނީ ޕީޕީއެމްގެ ލީޑާޝިޕުގައި ތިބި "ފެއިލްވެފައި" ތިބި އެންމެން އިސްތިއުފާ ދިނުމަށް ގޮވާލައްވައިފަ އެވެ.

"ޕީޕީއެމްގެ ލީޑާޝިޕުން ފެއިލްވި އެންމެން އިސްތިއުފާ ދޭން ޖެހޭ. އަދި އާ ލީޑާޝިޕަކަށް ޖާގަ ދޭން ޖެހޭ. 2017ގެ ލޯކަލް ކައުންސިލު އިންތިހާބު، 2018ގެ ރިޔާސީ އިންތިހާބުގެ އިތުރުން 2019ގެ މަޖިލިސް އިންތިހާބު ޕީޕީއެމްއަށް ގެއްލުނީ ހަރުދަނާ ލީޑާޝިޕެއް ނެތުމުން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، މިހާތަނަށް ޕީޕީއެމް ހޯދި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ އެ ޕާޓީގެ އާންމު މެމްބަރުން ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ނިހާން މިރޭ ވިދާޅުވެފައި ވަނީ އޭނާ ޕީޕީއެމްގެ ލީޑާޝިޕުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް 65 ގޮނޑިއާ އެކު ބޮޑު އަޣުލަބިއްޔަތެއް ލިބިފައިވާ އިރު ޕީޕީއެމް-ޕީއެންސީއަށް ލިބިފައި ވަނީ އެންމެ އަށް ގޮނޑިއެވެ. އެ ކޯލިޝަނުން އިންތިހާބަށް 41 ކެންޑިޑޭޓުން ނެރުނެވެ.

އޭގެ ތެރެއިން ޕީޕީއެމްގެ 24 ކެންޑިޑޭޓުންނަށް ލިބުނީ ޖުމްލަ، 19،071 ވޯޓެވެ. ކޮންގްރެސް ޕާޓީގެ 22 ކެންޑިޑޭޓުންނަށް ލިބުނީ ޖުމްލަ 13،924 ވޯޓެވެ. މުޅި ޖުމްލަ މި ދެ ޕާޓީއަށް ލިބުނު ވޯޓުގެ އަދަދަކީ، 32،995 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 15.3 ޕަސަންޓެވެ.

އެމްޑީޕީގެ 85 ކެންޑިޑޭޓުންނަށް ލިބިފައިވަނީ ޖުމްލަ 96،384 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 44.8 ޕަސަންޓެވެ.