ދިރާގުގެ ސްޕެޝަލް މެރިޓް އެވޯޑް އެކުންފުނީގެ 79 މުވައްޒަފަކަށް ދީފިއެވެ.

އެ އެވޯޑްތައް ދީފައިވަނީ ދިރާގުގެ މުވައްޒަފުންނަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އެ ކުންފުނީގެ 30 ވަނަ އަހަރީ އިނާމު ދިނުމަށް ރޭ ދަރުބާރުގޭ ރަންނަބަނޑޭރިމާލަމުގައި ބޭއްވި ހަފްލާގައެވެ.

ދިރާގުން ބުނީ އިނާމު ދިނުމުގެ ޖަލްސާގެ މައިގަނޑު މަގްސަދަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި މުވައްޒަފުން ފޯރުކޮށްދޭ ހިދުމަތުގެ އަގުވަޒަންކޮށް އެކަމަށް ތަރުހީބު ދިނުން ކަމަށެވެ.

މިއީ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދިރާގު އިނާމު ދިނުމުގެ ޖަލްސާ މެދުނުކެނޑި ބާއްވާތާ 30 ވަނަ އަހަރެވެ.

ސްޕެޝަލް މެރިޓް އެވޯޑްގެ އިތުރުން ރޭގެ ހަފްލާގައި ޗެއާޕާސަންގެ އެވޯޑްވެސް ވަނީ ދީފައެވެ. އެ އެވޯޑް ހާސިލްކޮށްފައިވަނީ އެ ކުންފުނީގެ ލީގަލް އެންޑް ރެގިއުލޭޓަރީގެ މެނޭޖަރުގެ މަގާމުގައި މިވަގުތު ހުންނެވި ފާތިމަތު ޝޫޒީއެވެ.

އޭގެ އިތުރުން ރޭގެ ހަފްލާގައި ލޮންގް ސާވިސް އެވޯޑްއާއި އިނޮވޭޝަން އެވޯޑްގެ އިތުރުން އައުޓްސްޓޭންޑިން ލީޑަރު އެވޯޑްއާއި ޑިވިޝަނަލް މެރިޓައިމް އެވޯޑްވަނީ ދީފައެވެ.

ދިރާގުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން --- ފޮޓޯ: ދިރާގު

އައުޓްސްޓޭންޑިންގ ލީޑަރ އެވޯޑް ކާމިޔާބު ކުރައްވާފައިވަނީ މެނޭޖަރ ހެލްތް އެންޑް ސޭފްޓީ މުހައްމަދު ޝަފީއު އަދި ޕްރޮޑަކްޓް މެނޭޖަރ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝާނެވެ.

ދިރާގުން ބުނީ މުވައްޒަފުންގެ މަންފާއާއި ކުރިއެރުވުމަށް ދިރާގުން ވަރަށް ބޮޑަށް އިސްކަންދޭ ކަމަށައި އެގޮތުން މާލީ އިނާޔަތްތަކުގެ އިތުރުން މުވަޒަފުންގެ ދުޅަހެޔޮކަމާއި ސިއްހަތު އަދި ވަޒީފާގެ މާހައުލުގައި ހިތްހަމަޖެހުން އަޝަގެންނެވުމަށް ދިރާގުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ދިރާގު އެނުއަލް އެވޯޑްސް އަކީވެސް އެގޮތުން ހިންގާ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގަކީ ރާއްޖޭގައި ޑިޖިޓަލް އަދި މުވާސަލާތީ ހިދުމަތް ވޭތުވެދިޔަ 30 އަހަރު އެންމެ ފުޅާކޮށް ފޯރުކޮށްދެމެންގެންދާ ކުންފުންޏެވެ.

ދިރާގުގައި މިވަގުތު 600 އަށްވުރެ ގިނަ މުވައްޒަފުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ދަނީ މަސައްކަތްކުރަމުންނެވެ.

ދިރާގަކީ ސައްތައަކުން 99 ދިވެހި މުވައްޒަފުން ހިމެނޭ ކުންފުންޏެއްވެސް މެއެވެ.

މިދިޔަ އާދިއްތަ ދުވަހު ދިރާގުން ވަނީ "ޑިޖިޓަލް ރާއްޖެ" ނަމުގައި މުޅި ރާއްޖެ ޓެކްނޮލޮޖީގެ އައު ހަރުފަތަކަށް ގެނެސްދިނުމަށް ކެމްޕެއިނެއް ފަށާފައިއެވެ.