ޖަކާޓާ (އެޕްރީލް 18) : އިންޑޮނޭޝިޔާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ރައީސް ޖޯކޯ ވިޑޯޑޯ ކާމިޔާބު ކުރައްވާނެކަން ގާތްގަނޑަކަށް ޔަގީންވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވޯޓު ގުނުމުގައި ހަރަކާތްތެރިވާ މަސްއޫލުވެރިންނާ ހަވާލާދީ މީޑީޔާ ރިޕޯޓްތައް ބުނާގޮތުން މިހާތަނަށް ގުނާފައިވާ ވޯޓުތަކުން ވިޑޯޑޯ އަށް 54 ޕަސެންޓް ލިބިފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ޕްރަބޯވޯ ސުބިއަންޓޯ އަށް ލިބިވަޑައިގެންފައިވަނީ 44 ޕަސެންޓް ވޯޓެވެ. ގުނާފައިވާ ވޯޓުގެ ނިސްބަތް ގާތްގަނޑަކަށް ތިން ބައިކުޅަ ދެބައަށް އަރާކަމަށްވެ އެވެ.

ރިޔާސީ އިންތިހާބު ރައީސް ޖޯކޯ ވިޑޯޑޯ ކާމިޔާބު ކުރައްވާނެކަން ގާތްގަނޑަކަށް ޔަގީންވުމާއެކު އިންޑޮނީޝިޔާގެ ހިއްސާގެ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ހިތް ހަމަޖެހުމާއި އުފާވެރިކަން ލިބިފަ އެވެ. އަދި ހިއްސާގެ ބާޒާރުވެސް ވަނީ ވަރަށް ބިޒީވެފަ އެވެ. ސަބަބަކީ ރައީސް ޖޯކޯ ވިޑޯޑޯ ގެ އިގްތިސާދީ އެޖެންޑާ ކުރިޔަށްއޮތް ފަސް އަހަރުވެސް ކުރިޔަށްދާނެ ކަމުގެ ބޮޑު ޔަގީންކަމެއް އިންވެސްޓަރުންނަށާއި ކުންފުނިތަކަށް ލިބިގެން ދިޔުމެވެ. ވިޑޯޑޯގެ ވެރިކަމުގައި އިންޑޮނީޝިޔާގެ އިގްތިސާދީ ދުވެލި ވަރަށް ބޮޑަށް ރަނގަނޅުވެ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ވަނީ ފަށާފަ އެވެ. އަދި ތާރީހުގައިވެސް އިންޑޮނީޝިޔާއަށް ބޭރުގެ އިންވެސްޓްމަންޓްތައް ނާންނަ ވަރަށް ވިޑޯޑޯގެ އޭނާގެ ވެރިކަމުގައި އެގައުމަށް އިންވެސްޓްމަންޓްތައް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ވިޑޯޑޯގެ ވެރިކަމުގައި ބޭރުގެ އިންވެސްޓްމަންޓްތައް އަމާޒުކޮށްފައިވާ ދާއިރާތަކުގެ ތެރޭގައި ސިނާއަތުގެ އިތުރުން ހަކަތައާއި ދަނޑުވެރިކަމާއި ރިޔަލްއެސްޓޭޓް އާއި ފަތުރުވެރިކަންފަދަ އެތަށް ދާއިރާތަކެއް ހިމެނިފައިވާތީ ވިޑޯޑޯގެ ވެރިކަމުގައި އިންފްލޭޝަން އެއްވަރެއްގައި ހިފެހެއްޓިފައިވެ އެވެ. ބޭރުފައިސާގެ ރިޒާވް ރަނގަނޅުވެފައިވެއެވެ. އަދި ވަޒީފާގެ ފުރްސަތުތައް އިތުރުވެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަނޅުވެ ފާގަތިކަން އިތުރުވެގެން ގޮސްފައިވެ އެވެ.

އުމުރުފުޅުން 57 އަހަރުގެ ޖޯކޯ ވިޑޯޑޯ އިންޑޮނޭޝިޔާގެ ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވީ 2014 އަހަރުގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން އެވެ. އެ އިންތިހާބުގައިވެސް އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ މިފަހަރުގެ އިންތިހާބުގައިވެސް އޭނާއާ އެންމެ ގާތުން ވާދަކުރައްވާ އުމުރުފުޅުން 67 އަހަރުގެ ޕްރަބޯވޯ ސުބިއަންޓޯ އެވެ. ނޫސްއެޖެންސީތައް