އިންޑިއާގެ ކްރިކެޓް ބޯޑްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިންޑިއާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް ހޫދު ވިދާޅުވީ އިންޑިއާގެ ބެންގަލޫރަށް ރައީސް ފުރާވަޑައިގަތީ އިންޑިއާގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ކްރިކެޓް މެޗެއް ބައްލަވާލެއްވުމަށެވެ.

ހޫދު ވިދާޅުވީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގައި ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ދަތުރުފުޅުގައި ހުޅުމާލޭގައި އަޅަން ނިންމާފައިވާ ކްރިކެޓް ދަނޑާ ގުޅޭ ގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ. އަދި އެ ދަތުރުފުޅުގައި އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅެމުން ގެންދާ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ރައީސް އެނބުރި ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގަ އެވެ.