22 Apr 2019, 15:49
ލ. ކައްދޫ އިން އެ އަތޮޅު މާމެންދުއަށް ދަތުރުކުރަމުންދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އެ ޑިންގީގައި ދަތުރުކުރި އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒު ގެއްލުނު މައްސަލައިގައި، ޝިމާއާ އެކު ދަތުރު ކުރި މުހައްމަދު ފަޒީލް ފުލުހުންނަށް ދިން ބައެއް މައުލޫމާތުތައް ދިމާ ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޝިމާ ގެއްލުނު މައްސަލައިގައި ފުލުހުންނަށް ލިބިފައިވާ ބައެއް މައުލޫމާތުތައް ހިއްސާ ކުރުމަށް ފުލުހުން މިއަދު ވަނީ އިސްކަންދަރު ކޮށީގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދިނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އެވެ.
ދިމާވި ވާހަކަތައް!
ފަޒީލް ދެއްކި ވާހަކަތަކުގެ ތެރެއިން ދިމާވި ބައެއް ވާހަކަތައް ފުލުހުން މިއަދު ވަނީ ހިއްސާކޮށްފައެވެ.
އެ މައުލޫމާތު ދެމުން ފައިރޫޝް ވިދާޅުވީ، ކައްދުއަށް ގޮސް ޝިމާ މަޑު ކުރަން ހަމަޖެހިފައި އޮތީ ފަޒީލްއާ އެކުކަން ޝިމާއާ އޭނާގެ ގާތް ދެ އެކުވެރިއަކާ ކުރެވިފައިވާ މުއާމަލާތްތަކުން އެނގިފައިވާކަމަށެވެ. ފަޒީލްވެސް ބުނެފައި ވަނީ އެހެންނެވެ.
"އެހެން ކަމުން އޭގައި އެއްވެސް މަޖުބޫރު ކަމެއް ނުވަތަ ޝައްކު އުފެދޭ ކަމެއް ނުވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ،"
ކައްދުއަށް ޝީމާ އައި އިރު ރޯގާ ޖެހިފައި ހުރުމުން ޑޮކްޓަރަށް ދައްކަން ބޭނުންވީތީ ޑޮކްޓަރަށް ދައްކަން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފަޒީލް ވަނީ ފުލުހުން ގާތުގައި ބުނެފައެވެ. ހޮސްޕިޓަލުގެ ލިޔުންތަކުން އެކަން ވެސް ކަށަވަރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ޝިމާ ގެއްލުނު މައްސަލައިގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް
ޝިމާވެސް ފަޒީލްވެސް، އެހެން ގޮތަަކަށް ރަށަށް ދެވޭތޯ މަސައްކަތް ކުރި ކަމަށް ފައިރޫޝް ވިދާޅުވިއެވެ. ނަމަވެސް، ދަތުރު ކުރާނެ އުޅަނދެއް ނުލިބުމުން، ފަޒީލް ރައްޓެއްސެއްގެ އަތުން ޑިންގީއެއް ހޯދި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެ ހޯދި ޑިންގީއަކީ އޭގެ އިންޖީނު ވިއްކާފައި ހުރި އެއްޗަކަށް ވާތީ ދަތުރު ކުރަން ކުޑަތަންވެފައި ވަނިކޮށް، ވިއްކާފައިވާ އިންޖީނުގެ ވެރިފަރާތުން އޭތި ބަލާ އައުމާއެކު އެ ދަތުރު ނުކުރެވުނު. މިއީ މިހާތަނަށް ހުރިހާ ދިމާލަކުން ވެރިފައި ކުރެވިފައި ހުރި މައުލޫމާތު،"
އެ ދަތުރު ނުކުރެވެމުން އެރޭ ފޮނަދޫގައި މަޑު ކުރީ ކަމަށް ފައިރޫޝް ވިދާޅުވިއެވެ. އަދި އޭގެ އަނެއް ދުވަހު ތިން ހޯސް ޕަވަރުގެ ޔަންމާ އިންޖީނެއް ޑިންގީއަށް އަޅައިގެން 6:03 އެހާކަންހާއިރު މާމެންދުއަށް ފުރީ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަންވެސް މަންޒަރު ދުއް ފަރާތްތަކުން ކަށަވަރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސީސީޓީވީ ފޫޓޭޖްތަކުން ފެންނަ ގޮތުގައި ޝިމާ ފަޒީލްއާ އެކު ދިޔައީ ރުހުމުގައެވެ.
"ޝިމާ ހަމަ ރުހުމުގައި ދިޔަ ކަމަށް އަޅުގަނޑުމެންނަށް ޔަގީންކަމާ އެކު ބުނަން އެނގޭ،"
ދިމާ ނުވާ ބައެއް ވާހަކަތައް އެބަ ހުރި
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފައިރޫޝް ވަނީ ފަޒީލް ދެއްކި ވާހަކަތަކުގެ ތެރެއިން ދިމާ ނުވާ ވާހަކަތައް ހުރިކަން ހާމަކޮށްފައެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ވަޑައިގެނުގަންނަވައެވެ.
"ވަރަށް ކުރު ޖަވާބަކީ އެބަ ހުރި [ދެކޮޅު ނުޖެހޭ ކަންކަން]. އެހެންނަމަވެސް، އެ އެއްޗެއްސަކީ މިކަމާ ގުޅިގެން ވިޔަސް އެހެން ގޮތަކުން ވިޔަސް އަޅުގަނޑުމެންނަށް ތަހުގީގުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ވާތީ އަޅުގަނޑަށް އަކުރުން އަކުރަށް ދަންނަވާލަން ދަތި،"
ގެއްލުނު ޝިމާ ގޮވައިގެން ދިޔަ ޑިންޑީ ދުއްވަން އިން ފަޒީލް: --
ފުލުހުން ބޭނުން ކުރީ ބިހޭވިއަރަލް އެނަލިސިސް
ފަޒީލްގެ ބަޔާން ނެގި އިރު، މީހާ ހަދަނީ ދޮގުތޯ ނުވަތަ ތެދުތޯ ބެލުމަށް ލައި ޑިޓެކްޓާ ޓެސްޓު ހެދިފައި ނުވާ ކަމަށް ފައިރޫޝް މިއަދު ވިދާޅުވިއެވެ. އެއީ ފުލުހުން ބޭނުން ކުރާ ލައި ޑިޓެކްޓާ ބޭނުން ނުކޮށް ގިނަ ދުވަސްވެފައި ވުމުން އޭގައި މައްސަލަތަކެއް ދިމާވެގެން ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ފަޒީލްގެ ބަޔާން ނެގި އިންޓަވިއު ބޭރުގެ ބިހޭވިއަރަލް އެނަލިސިސް މާހިރުންނަށް ފޮނުވައިގެން، ފަޒީލްގެ ބަޔާނުގައި ހަދާފައި ވަނީ ދޮގުތޯ ތެދުތޯ ވަނީ ބަލާފައެވެ.
"ވާހަކަ ދައްކާ އިރު އެ ގެންނަ އެކްޕްރެޝަންތަކުން އެ ހަދަނީ ތެދު ނުވަތަ ދޮގުތޯ ބަލަން ވެގެން [ބިހޭވިއަރަލް އެނަލިސިސް ހެދީ]" ފައިރޫޝް ވިދާޅުވިއެވެ.
ޝިމާ ގެއްލުނު މައްސަލައިގައި 46 މީހުންގެ ބަޔާން ފުލުހުން ނަގާފައިވާ އިރު، އެ މައްސަލައާ ގުޅިގެން އާންމުގެ ތެރޭގައި ދެކެވޭ ވާހަކަތައް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.
"އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން އިވޭ އަޑުތައް ވެސް ވެރިފަރި ކުރެވުމުގެ ގޮތުން މަސައްކަތް ކުރަމުން ދަނީ. މިއަދު ހެނދުނުވެސް އަޅުގަނޑުމެން ގއ. ގެ ދެ ރަށެއް ބަލައިފިން މި މައްސަލައާ ގުޅިގެން. މީހުން ނޫޅޭ ދެ ރަށް އެއީ،"
އޭނާ ވިދާޅުވި ގޮތުގައި އެ ދެ ރަށް ބަލާފައި ވަނީ އެއިން ރަށަކަށް ޝިމާގެ ހަށިގަނޑު ގެންގޮސް ހަށިގަނޑު އަންދާލާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނާތީއެވެ.
ޝިމާ ގެއްލުނު މައްސަލައިގެ ތަހުގީގު އަދިވެސް ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. ނަމަވެސް، އެ މައްސަލައިގައި ކަން ހިނގައި ދިޔަ ގޮތާ ގުޅޭ އާ މައުލޫމާތެއް ފުލުހުން މިއަދު ހާމަކޮށްފައި ނުވެއެވެ.