25 Apr 2019, 21:10
ފަނޑިޔާރުގެ އިސްލާހު ކުރުމަށްޓަކައި ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެ ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ބަޔާން ދީފި އެވެ.
ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ޑީޖޭއޭއަށް ސިރާޖު މިއަދު ހާޒިރުކުރީ އޭނާ ކުރި ޓްވީޓަކާ ގުޅިގެންނެވެ. އެ ޓްވީޓްގައި ސިރާޖު ބުނެފައިވަނީ ފަނޑިޔާރުގެ އިސްލާޙު ކުރެވޭނީ ކޮރަޕްޓް ފަނޑިޔާރުން ވަކިކޮށްގެން ކަމަށެވެ.
މިއަދު ޑީޖޭއޭއަށް ހާޒިރުކޮށް ސުވާލު ކުރުމުން ސިރާޖު ދިން ބަޔާނުގައި ބުނެފައިވަނީ ދައުލަތުގެ ބާރުތަކުގެ އެކުލެވޭ މަގާމުތަކުގެ ތެރެއިން މަގާމެއްގައި ހުންނަ މީހަކު ކަން ކުރާ ގޮތް ކަމު ނުދާ ނަމަ އެވާހަކަ ދައްކަން ޖެހޭ ކަމަށެވެ.
"ފަނޑިޔާރުން ކަންކުރާ ގޮތާމެދު ހިތްހަމަ ނުޖެހޭނަމަ ފަނޑިޔާރުން ބަދަލު ކުރަންޖެހޭ. އެއީ ބުނަންޖެހޭ ވާހަކަ. އެއީ ކޯޓުގެ ހުރުމަތް ކެނޑުމެއް ނޫން." ސިރާޖު ޑީޖޭއޭއަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.
ސިރާޖު އިތުރަށް ބުނީ ފަނޑިޔާރުގެއަށް ބަޔަކު ނުކުރާ އިތުބާރެއް އޭނާ އެއްޗެއް ބުނެގެން ނުގެއްލޭނެ ކަމަށެވެ. އެހެންވީމާ ރައްޔިތުންނަށް އިތުބާރު ކުރެވޭ ގޮތަށް ޖުޑިޝަރީ އަލުން އެކުލަވާލުމަކީ ކުރަންޖެހޭ ކަމެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.
އެހެންނަމަވެސް ފަނޑިޔާރުން ވަކިކުރާ ނަމަވެސް ވަކި ކުރަން ޖެހޭނީ ޕްރޮސީޖާއެއްގެ ތެރެއިންކަމަށް ގަބޫލު ކުރާ ކަމަށް ސިރާޖު ވިދާޅުވި އެވެ. އެ ޕްރޮސީޖާއެއް ފެށުމުގެ ކުރިން އޭނާ ދައްކާ ވާހަކައަކުން ޕްރޮސީޖާއަށް އަސަރުކުރާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ސިރާޖު ޑީޖޭއަށް ދިން ބަޔާނުގައި ވިދާޅުވި އެވެ.
"އެއީ އަޅުގަނޑު ވާހަކައެއް ދެއްކި ނަމަވެސް އެކަންކަން ކުރުމުގެ ސީދާ ބާރު އޮތް ފަރާތަކީ އަޅުގަނޑު ކަމުގައި ނުވާތީ. މިއީ ހަމަ އެކަނި އަޅުގަނޑުގެ ހިޔާލު." ސިރާޖު ޑީޖޭއޭއަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވެސް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް މީޑިއާގައި ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އޭނާގެ މައްސަލަ ބަލަން ނިންމައި އިއްޔެ ވަނީ އޭނާގެ ބަޔާނެއްވެސް ނަގައިފައެވެ.