މޭޑޭގައި ފިސްތޯލައެއް ގެންގުޅު ކަމަށް ބުނާ މައްސަލާގައި ކުރި ދައުވާ ސާބިތުވެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ގޯސް ކަމަށާއި އެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށް ދައުލަތުން ބުނެފިއެވެ.

ފިސްތޯލަ ގެންގުޅުނު މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް ކުރީ ޓެރަރިޒަމްގެ ދައުވާއެވެ. އެ މައްސަލަ އޭނާގެ މައްޗަށް ސާބިތުވެ ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ކްރިމިނަލް ކޯޓުގައި އެ މައްސަލަ ސާބިތުވީ ތިން ހެކިވެރިންގެ ހެކިބަހުންނެވެ. އެ ހެކިވެރިންނަށް ފެނުނު ކަމަށް ބުނާ ފިސްތޯލަ ދައުލަތުގެ އެއްވެސް ތަހުގީގީ އިދާރާއަކަށް ފެނިފައި ނުވެއެވެ. އޭގެ ތަހުލީލެއް ހެދިފައި ނުވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ފަހުން ވަނީ ދަމަހައްޓާފައެވެ. އަދި ހައިކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅުމުން މިއަދު ވަނީ އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ.

އެކަށީގެންވާ ވަރަށް ހެކިބަސް ލިބިފައި ނުވޭ: ދައުލަތް

މިއަދުގެ އަޑުއެހުމުގައި އަދީބުގެ ފަރާތުން ވާހަކަ ދެއްކެވި ވަކީލު އިސްމާއިލް މުހައްމަދު ވަނީ، ހުކުމްތައް ކޮށްފައި ވަނީ ގޯސްކޮށް ކަމަށް އަދީބުގެ ފަރާތުން ދެކޭ ސަބަބުތައް ހާމަކޮށްފައެވެ.

އިސްމާއިލް ވިދާޅުވީ، އަދީބުގެ މައްޗަށް ހުކުމްކޮށްފައި ވަނީ ހަމައެކަނި ބަޔަކު ދެއްކި ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ހެކިވެރިންނަށް ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ ގާނޫނުގައި ބުނާ ބަޑިއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވެފައިވާ އެއްޗެއް ކަމެއް ހެކިބަހުން ސާބިތުކޮށްނުދެވޭ ކަމަށްވެސް އިސްމާއިލް ވިދާޅުވިއެވެ. ގާނޫނުގައި "ބަޑި" މާނަކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ 710 ވަނަ މާއްދާގެ (ރ) ގެ އެއްވަނަ ނަމްބަރުން ފަސްވަނަ ނަމްބަރާ ހަމައަށެވެ.

އޭގެ އިތުރުން، އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުކޮށްފައިވާއިރު، އޭނާ ޓެރަރިޒަމްގެ ގާނޫނުގައި ބުނާ ޓެރަރިޒަމްގެ ކުށެއް ކޮށްފައިވާކަން ސާބިތުކުރެވޭނެ ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް އިސްމާއިލް ވިދާޅުވިއެވެ. އޭގެ އިތުރުން، ތިން ހެކިވެރިންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރަން ދަށުކޯޓުގައި އެއްވެސް ސުވާލެއް ކުރެވިފައި ނުވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ދައުވާއާ މެދު ދައުލަތުން ދެކޭ ގޮތް ހުށަހަޅަން ދިން ފުރުސަތުގައި ޕީޖީގެ ފަރާތުން ވާހަކަ ދެއްކެވީ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އަބްދުﷲ ރާބިއު އެވެ. އޭނާ ވަނީ އަދީބުގެ ފަރާތުން ފާހަގަ ކުރި ގިނަ ނުކުތާތަކަށް އެއްބަސްވެފައެވެ.

އަދީބުގެ މައްޗަށް ދައުވާކޮށްފައި ވަނީ ކުރީގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ)، (ރ)، އަދި (ކ) ގައި ބުނާ ކުށްތައް އޭނާ ކުރި ކަމަށް ބުނެއެވެ. ރާބިއު ވިދާޅުވީ، އެ އަކުރުތަކުގައި ބުނާ ކަންތައްތައް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވޭނެ ވަރުގެ ހެކިބަހެއް ދަށު ކޯޓުގައި ނެގިފައި ނުވާ ކަމަށެވެ. އަދި ހެކިވެރިންނަށް ފެނުނު ކަމަށް ބުނާ ފިސްތޯލައަކީ އަސްލު ފިސްތޯލައެއްކަން ސާބިތު ކުރެވޭނެ ހެކިބަހެއް ނެގިފައި ނުވާ ކަމަށެވެ. އަދި ގާނޫނުގައި މާނަކޮށްފައިވާ ފަދަ ބަޑިއެއްކަން ސާބިތު ކުރެވޭނެ ވަރަށް ހެކިބަސް ލިބިފައި ނުވާ ކަމަށެވެ.

ސިއްރު ހެކިވެރިން ދަށު ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ވަނީ "އަދީބު އަސްލު ނޫން އެއްޗެއް ގެންގުޅޭނެ ކަމަށް ގަބޫލު ނުކުރެވޭ" ކަމަށެވެ. އެހެން ކަމުން ރާބިއު ވިދާޅުވީ، އެ މީހުންގެ ހެކިބަހަކީ އެމީހުންނަށް ގަބޫލުކުރެވޭ ގަބޫލުކުރެވުންތަކެއްގެ މައްޗަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

ރާބިއު ވިދާޅުވީ، ދަށު ކޯޓުގައި ދައުލަތަށް އެ މައްސަލަ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރެވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އެދިވަޑައިގެންނެވީ އެ މައްސަލައިގައި އަދުލުވެރި ހުކުމެއް ކުރެއްވުމަށެވެ. ހުކުމް ބާތިލު ކުރެއްވުމަށް އެންމެ ފުރަތަމަ އެދިވަޑައިނުގަންނަވައެވެ.

ދައުލަތުގެ އިއުތިރާފު

އޭގެ ފަހުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތާ ސުވާލުތައް ކުރިމަތި ކުރުވާފައެވެ. އެގޮތުން، ފިސްތޯލައިގެ އެއްވެސް ތަހުލީލެއް ހެދުނުތޯ އަދި ފެނުނީ ފިސްތޯލައެއްކަން ކަށަވަރު ކުރުމަށް ތަޖުރިބާކާރުންގެ ހެކިބަސް ނަގާފައިވޭތޯ ސުވާލު ކުރެއްވިއެވެ.

ރާބިއު ވިދާޅުވީ، ތަޖުރިބާކާރުންގެ ހެކިބަސް ނަގާފައި ނުވާ ކަމަށެވެ. އަދި ހެކިބަސް ދިން މީހުންގެ ތެރެއިން އެކަކީ ހަތިޔާރުތައް ދަންނަ މީހެއް ނަމަވެސް ފެނުނީ އަސްލު ބަޑިއެއްކަން ސާބިތުނުވާ މިންވަރަށް އޭނާވެސް ހެކިބަސް ދީފައި ނުވާ ކަމަށް ރާފިއު ވިދާޅުވިއެވެ.

ދެން ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރީ ދަށުކޯޓުގައި އިއްވާފައިވާ ހުކުމްތައް ރަނގަޅުތޯ ދައުލަތުން ގަބޫލު ކުރޭތޯއެވެ. ޖަވާބުގައި ރާބިއު ވިދާޅުވީ، އެ ހުކުމްތައް ރަނގަޅު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ނަމަވެސް، އެ ހުކުމްތައް ބާތިލު ކުރަން އެދިވަޑައިނުގަތުމުން އަނެއްކާވެސް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރީ ހުކުމާ މެދު އަމަލުކުރަންވީ ކޮން ގޮތަކަށްތޯއެވެ. އަދި އަދުލުވެރި ހުކުމެއް ކުރުން އެދުމަކީ ދައުލަތުން އެދޭ ގޮތް ސާފުވާ ކަމެއް ނޫން ކަން ފާހަގަކުރިއެވެ. ޖަވާބުގައި ރާބިއު ވިދާޅުވީ، އެ ހުކުމްތައް ކޮށްފައި ވަނީ ގޯސްކޮށް ކަމުން އެ ހުކުމްތައް ބާތިލު ކުރަން ޖެހޭ ކަމަށެވެ.

އެއާ އެކު އަދީބުުގެ ވަކީލު އިސްމާއިލް އެދިވަޑައިގެންނެވީ، ދައުލަތުން އިސްތިއުނާފު ދައުވާގެ މައިގަނޑު ކަންކަމަށް އިއުތިރާފުވެފައިވާތީ މިއަދު އެ މައްސަލައިގައި ގޮތެއް ނިންމައި ހުކުމް ކުރުމަށެވެ. ހުކުމް ކުރުން އޮންނާނީ ދެން އޮންނަ އަޑުއެހުމެއްގައި ކަމަށް ވިދާޅުވެ ރިޔާސަތު ބަލަހައްޓަވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފައެވެ.

"ދައުވާ ކުރީ ސިޔާސީ މަގުސަދެއް ހާސިލު ކުރަން"

މިއަދުގެ އަޑުއެހުމުގައި ވާހަކަ ދެއްކެވުމަށް އަދީބަށް ވަނީ ފުރުސަތު ދެއްވާފައެވެ. އަދީބު ވިދާޅުވީ، އޭނާ ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ދައުވާ ކުރީ ހެކިވެރިންނަށް ފިސްތޯލަ ފެނުނު ކަމަށް ބުނިތާ އެތައް މަސްތަކެއް ފަހުން ކަމަށެވެ. އެކަމުންވެސް އެނގެނީ، އެ ދައުވާ ކުރީ އޭރު ސިޔާސީ މައިދާން އޮތް ގޮތުން ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް ކަން ކަމަށެވެ.

އަދީބު ވިދާޅުވި، ގޮތުގައި އޭނާގެ މައްޗަށް އެ ދައުވާ ކުރީ ރާވައިގެން އޭނާ ރާއްޖޭގެ ނައިބު ރައީސް ކަމުގެ މަގާމުން ވަކި ކުރުމަށެވެ. އަދި އެއްވެސް އިރެއްގައި އޭނާ ބަޑިއެއް ގެންގުޅެފައި ނުވާނެ ކަމަށް އަދީބު ވިދާޅުވިއެވެ.

ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން މީހުން ދީފައި ވަނީ ދޮގު ހެކިބަސް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އަދީބުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ކުރުމަށް ދައުލަތުން އެދިފައިވާއިރު، ދައުލަތުން ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރީގެ ދައުވާގައި ޔާމީނާ ދެކޮޅަށް ހެކިވެރިއެއްގެ ގޮތުގައި އަދީބުގެ ނަން ވަނީ ހުށަހަޅައިފައެވެ.