ޖަކާޓާ (އޭޕްރިލް 29): އިންޑޮނޭޝިއާގައި މިމަހުގެ 17ގައި ބޭއްވި އިންތިހާބު ތެރޭ މާބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން ވަރުބަލިކަމާ ގުޅުން ހުރި ބަލިތަކުގައި 272 އޮފިޝަލުން މަރުވެފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

އިންޑޮނޭޝިއާގައި މީގެ 10 ދުވަސް ކުރިން ބާއްވާފައި ވަނީ އެގައުމުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށެވެ. އެއީ އިންތިހާބުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން ދެ އިންތިހާބު އެއް ފަހަރާ ބޭއްވި ފުރަތަމަ ފަހަރެވެ. އަދި އެއިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދު 192.8 މިލިއަނަށް އަރާ އިރު، އޭގެ ތެރެއިން 80 ޕަސެންޓު މީހުން ވޯޓުލި އެވެ. މީގެ އިތުރުން އިންތިހާބު ބޭއްވުމުގަ އާއި ވޯޓު ގުނުމުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އަދަދު ހަ މިލިއަނަށް އަރަ އެވެ.

އިންޑޮނޭޝިއާގެ ޖެނެރަލް އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަރީފް ޕްރިޔޯ ސުސަންޓޯ ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހާ ހަމައަށް ލިބުނު މައުލޫމާތަށް ބަލާ އިރު، އެ އިންތިހާބުގެ 272 އޮފިޝަލުން ވަނީ މާބުރަކޮށް މަސައްކަތް ކުރުމުގެ ސަބަބުން މަރުވެފަ އެވެ. އަދި 1،878 އޮފިޝަލުން ވަނީ މަސައްކަތް ނުކުރެވޭ ވަރަށް ބަލިވެފަ އެވެ.

އިންޑޮނޭޝިއާގެ އިލެކްޝަން ކޮމިޝަނުން ވަނީ އިންތިހާބާ ގުޅުން ހުރި މައްސަލަތަކުގައި މަރުވި ކޮންމެ އޮފިޝަލެއްގެ އާއިލާއަށް މަރުގެ ބަދަލެއްގެ ގޮތުގައި 2،500 ޑޮލަރު ދޭން ނިންމާފަ އެވެ.

އިންޑޮނޭޝިއާގެ ދެ އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ އަންނަ މަހުގެ 22ގަ އެވެ. ނަމަވެސް ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރީގައި އުޅުއްވަނީ މިހާރުގެ ރައީސް ޖޯކޯ ވިޑޯޑޯ އެވެ.