ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލު ކުރަން ހައިކޯޓުން ކުރި އަމުރަށް ސުޕްރީމް ކޯޓުން ތާއީދުކޮށްފި އެވެ.

ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ތެރޭގައި ސިވިލް ކޯޓަށެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމީ ގައިދީން ބޭރަށް ފޮނުވުމުގައި ފުރިހަމަ ކުރަން ޖެހޭ އިޖްރާއާތުތައް ފުރިހަމަ ކޮށްފައި ނުވާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

ދެން ސިވިލް ކޯޓުގެ އެ ނިންމުން އަދީބުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓުގައި ކުރިއަށް ގެންދިޔަ އެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުމުގައި އެ ކޯޓުން ވަނީ އަދީބުގެ ބޭސްފަރުވާ ނިމެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް އަމުރު ކޮށްފައެވެ.

ހައިކޯޓުގެ އަމުރު ދައުލަތުން އިސްތިއުނާފު ކުރުމުން، ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަށް އަންގައި އަމުރެއް ނެރެފައެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އަދީބުގެ ގޭބަންދު އަމުރު ކޯޓުން ބަލައި ވަކި ގޮތެއް ނިމެންދެން ހައިކޯޓުގެ އަމުރު ތަންފީޒު ނުކުރުމަށެވެ.

މިއަދު ސުޕްރީމް ކޯޓުގައި ވަނީ ހައިކޯޓުގެ އަމުރުގެ އިސްތިއުނާފު އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެ އަޑުއެހުން ތާވަލު ކުރީ މިއަދު 10:15 އަށެވެ.

މިއަދު ސުޕްރީމް ކޯޓުން އެ މައްސަލައިގައި ވަނީ އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ގޭބަންދަށް ބަދަލު ކުރަން ޖެހޭ ކަމަށް ކަނޑައަޅައި ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

މިއަދު ސުޕްރީމް ކޯޓުން އެގޮތަށް ނިންމި ނަމަވެސް، އަދީބު މިވަގުތު ހުންނެވީ ގޭބަންދުގައެވެ. އޭނާ ގޭބަންދަށް ބަދަލު ކުރީ ކަރެކްޝަންސް އިންނެވެ.