02 May 2019, 16:57
ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރީގެ ފަރާތުން ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސްއަށް 16 ޓީވީ ހަދިޔާ ކޮށްފި އެވެ.
މިއީ މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 341 މީހުންނާއި ކުދިން ބަލަހައްޓަމުންދާ މަރުކަޒުތަކަށް އެހީ ވުމުގެ ގޮތުން ވީ އެހީތެރިކަމެއް ކަމަށް ޔޫތް މިނިސްޓަރީއިން ބުނެއެވެ. މިއަދު އެ އިދާރައިގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި މިނިސްޓަރު އަހުމަދު މަހްލޫފް ވަނީ ޖެންޑާ މިނިސްޓަރު އައިޝަތު ޝިދާތާ ޝަރީފްއާއި ޓިީވީތައް ހަވާލު ކުރައްވާފަ އެވެ.
"މިއީ އަޅުގަނޑުމެންގެ މިނިސްޓްރީގެ ފަރާތުން ޖެންޑާއަށް ދެއްވި ކުޑަ އެހީތެރިކަމެއް. އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރަނީ މިކަމުގެ ސަބަބުން ކުދިންތަކަކަށް، ރައްޔިތުންތަކަކަށް މިކަމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް." މިއަދު ދެއްވި ޕްރެސްއެއްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވި އެވެ.
މިއަދު ހަވާލު ކުރި ޓީވީތައް ވީ އެންމެ އަވަހަކަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ މަރުކަޒުތަކަށް ރައްދުކޮށްދެއްވާނެ ކަމަށް ޖެންޑާ މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެގޮތުން ޓީވީތައް ހަރުކުރެވޭނީ ވިލިނގިލީގައި ހުންނަ ކުޑަ ކުދިންގެ ހިޔާގައި ފަސް ޓީވީ، ހުޅުމާލޭ ފިޔަވަތީގައި ދެ ޓީވީ، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ހަތަރު ޓީވީ އަދި އަތޮޅު ތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގައި ފަސް ޓީވީ ކަމަށް ޖެންޑާ އިން ބުންޏެވެ.
ވިލިނގިލީގައި ހުންނަ ކުޑަ ކުދިންގެ ހިޔާގައި މިހާރު 41 ކުއްޖަކު ތިބި އިރު ފިޔަވަތީގައި 104 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި 190 މީހުން ތިބި އިރު އަތޮޅުތަކުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުގެ ތެރެއިން ށ. ފުނަދޫ، މ.މުލަށް، ތ.ވޭމަންޑޫ އަދި ފުވައްމަލުކު ސިޓީގެ އިތުރުން އައްޑޫ ސިޓީގައި ހަ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.
މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި އެކަނި ވެސް ކުޑަ ކުދިންނަށް ކުރާ އަނިޔާގެ 364 މައްސަލައެއް ޖެންޑާއަށް ވަނީ ހުށައެޅިފަ އެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އަޅާ ނުލާ ބެލެހެއްޓުމާ ގުޅުން ހުރި 37 މައްސަލައަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމާ ގުޅުން ހުރި 27 މައްސަލައެއް ޖެންޑާއަށް ހުށައަޅާފައިވާ ކަން އެ މިނިސްޓްރީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.
މިނިސްޓަރު ޝިދާތާ ވިދާޅުވީ މިފަދަ މައްސަލަތަކުގެ ހައްލަކީ މަރުކަޒުތައް އިތުރުކޮށް ދައުލަތުގެ ބެލުމުގެ ދަށަށް މީހުންނާއި ކުދިން ނެގުން ނޫން ކަމަށާއި އެކަން ކަމުގައި އިހުލާމުވެފައިވާ ފަރާތްތައް ޖަވާބުދާރީކުރުން ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެޅުއްވުމުގެ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް ޝިދާތާ ވަނީ ވިދާޅުވެފަ އެވެ.