ރާއްޖޭގައި ހިންގާފައިވާ އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތައް ނިމިފައިވާތީ މި އަހަރު އިމާރަތްކުރުމުގެ ދާއިރާގެ ކުރިއެރުން ދަށަށް ދާނެ ކަމަށް ލަފާކޮށްފި އެވެ.

މަރުކަޒީ ބޭންކުން އިއްޔެ ނެރުނު އެ ބޭންކުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ މައުލޫމާތާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އިމާދު ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނިމިފައިވާތީ މިދިޔަ އަހަރާ އަޅާ ބަލާއިރު މި ހިނގާ 2019 ވަނަ އަހަރު އިމާރަތް ކުރުމުގެ ދާއިރާ މަޑުޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާނެ ކަމަށް ލަފާކޮށް ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ވަނީ ލަފާކޮށްފަ އެވެ.

ނިމިގެން ދިޔަ 2018 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވާ މިންވަރަށް ވުރެ ބާރަށް އިގްތިސޯދު ކުރިއަރާފައިވާކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ. ނަމަވެސް މި އަހަރު ރާއްޖޭގެ އިގްތިސާދީ ދުވެލި ކުޑަކޮށް މަޑުޖެހިލާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މި އަހަރު އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައި ވަނީ 6.8 ޕަސެންޓެވެ. ސަރުކާރުގެ ޖުމުލަ އާމްދަނީ އާއި ހަރަދުގެ ހިސާބުތަކަށް ބަލާ އިރު، 2019 ވަނަ އަހަރަށް ބަޖެޓް ޑެފިސިޓް ދަށްވާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ސަރުކާރުގެ އާ ސިޔާސަތުތަކާ އެކު ހަރަދުތައް އިތުރުވާތީ، ޑެފިސިޓް ކުރިން ލަފާކޮށްފައިވާ ވަރަށް ވުރެ އިތުރުވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.