ދިއްލީ (މެއި 5): އިންޑިއާގެ ކެރަލާގެ ކަންނަންނޫރުގައި ވާރުތަވަމުން އަންނަ ރަމްޒީ ރަސްކަމުގައި އިސްކޮށް ހުންނެވި އަލީރާޖާ ސުލްތާނާ ފާތިމާ މުއްތު ބީވީ އަވަހާރަވެއްޖެ އެވެ.

ކަންނަންނޫރުގެ އަލީރާޖާ ކަމަށް މިދިޔަ އަހަރުގެ ޖުލައި މަހު އިސްވެވަޑައިގަތް ފާތިމާ މުއްތު ބީވީ އަވަހާރަވީ އުމުރުފުޅުން ދުވަސްވުމާ ގުޅުން ހުރި އާލާސްކަންފުޅެއްގެ ސަބަބުންނެވެ. އުމުރުފުޅުން 86 އަހަރުގެ އެކަމަނާ ތަހުތަށް އިސްވެވަޑައިގަތީ ދައްތާފުޅު ސުލްތާނާ ޒައިނަބު ބީވީ އަވަހާރަވުމުންނެވެ.

އަރައްކަލް ޝާހީ އާއިލާގައި ތަހުތު ވާރުތަވަނީ ރަސްކަމުގައި ހުންނެވި ބޭފުޅާގެ އެންމެ ދޮށީ ބޭފުޅާއަށެވެ. އަދި އެކަމުގައި އަންހެނުންނާއި ފިރިހެނުން ތަފާތު ނުކުރެ އެވެ. އެގޮތުން ތަހުތަށް ފިރިހެން ބޭފުޅަކު އިސްވެއްޖެ ނަމަ ދޭ ނަމަކީ ކަންނަންނޫރު އަލީ ރާޖާ އެވެ. އަދި އަންހެންބޭފުޅަކު އިސްވެއްޖެ ނަމަ ދޭ ނަމަކީ އަރައްކަލް ބީވީ އެވެ.

ދިވެހީން ކަންނަންނޫރުގެ ކޮންމެ ވެރިޔަކަށް ވެސް ކިޔަނީ ސުލްތާނަކަށް ވިޔަސް ސުލްތާނާއަކަށް ވިޔަސް "އަލީ ރާޖާ"އެވެ. އަލީ ރާޖާ އަކީ އަލީ ނަމަކަށް ކިޔާ ރަސްކަލެއް ނޫނެވެ.

ކަންނަންނޫރުގެ އަލީރާޖާއަށް އިންޑިއާ ސަރުކާރުން ހާއްސަ ޕެންޝަނެއް ދެއެވެ. އަދި އެއާއިލާގެ ޒަމާންވީ ގަނޑުވަރު ވެސް ހުންނަނީ އެ އާއިލާގެ ބެލުމުގެ ދަށުގައެވެ. އެ އާއިލާގެ ގިނަ ބޭފުޅުން މިހާރު ދިރިއުޅުއްވަނީ ތަލައްސޭރީގައެވެ.

ކަންނަންނޫރުގެ އަލީރާޖާއިން ވަނީ ރާއްޖެ ހިފުމަށް އެކި ފަހަރުމަތިން ލަޝްކަރުތައް ފޮނުއްވާފަ އެވެ. އެގޮތުން ރާއްޖެއިން ހައްޔަރު ކޮށްގެން ކަންނަންނޫރަށް ގެންދެވި އިސް ބޭފުޅުންގެ ތެރޭގައި ދިޔަމިގިލި ޚާންދާނުގެ ސުލްތާން މުކައްރަމް މުހައްމަދު އިމާދުއްދީން (ތިންވަނަ) ނުވަތަ ކޮރުބަންޑާރައިން ހިމެނެ އެވެ. އަދި އޭގެ ކުރީން އުތީމު ޚާންދާނުގެ އިބްރާހިމް ކަލާފާނު ޝަހީދުކޮށް، އޭރުގެ އަމީރު ކަޅުތުއްކަލާވެސް ގެންދެވި އެވެ. ނަމަވެސް ކަންނަންނޫރުގައި ގިނަ އަހަރުތަކެއް ހޭދަ ކުރެއްވުމަށް ފަހު ކަޅުތުއްކަލާ ވަނީ މިނިވަންވެ، މާލެ ވަޑައިގެންފަ އެވެ. އަދި އޭގެ ފަހުން ސުލްތާން މުހައްމަދު އިމާދުއްދީން ބޮޑު ރަސްގެފާނުގެ ނަންފުޅުގައި ރަސްކަންވެސް ކުރައްވާފަ އެވެ.