06 May 2019, 11:16
ދިއްލީ (މެއި 6): އިންޑިއާގައި މިދިޔަ މަހުގެ 11ގައި ފެށި އާއްމު އިންތިހާބުގެ ފަސް ވަނަ ފިޔަވަހީގެ ވޯޓުލުން މިއަދު ފަށައިފި އެވެ.
މިއަދުގެ އިންތިހާބުގައި ވޯޓުލަނީ އުއްތަރަ ޕްރަދޭޝް، ރާޖަސްތާން، ވެސްޓް ބެންގާލް، މަދިޔަ ޕްރަދޭޝް، ބިހާރު، ޖަރްކަންދު އަދި ކަޝްމީރުގައި އިންޑިއާއިން ވެރިކަން ކުރާ ފަޅީގަ އެވެ.
އަދި މިއަދު ވޯޓުލާ ދާއިރާތަކުގެ ތެރޭގައި ކޮންގްރެސް ޕާޓީގެ ރާހުލް ގާންދީ އާއި ސޯނިއާ ގާންދީ ވާދަ ކުރައްވާ ދެ ސީޓު ހިމެނެ އެވެ. އެއީ އުއްތަރަ ޕްރަދޭޝްގެ އަމެތީ އާއި އެސްޓޭޓުގައި އޮންނަ ރައެބަރޭލީ އެވެ.
ރާހުލް ގާންދީ ވަނީ 2004، 2009 އަދި 2014 ވަނަ އަހަރުގެ އާއްމު އިންތިހާބުގައިވެސް އަމެތީގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ. އަދި މީގެ ކުރިން ސޯނިއާ ގާންދީ އާއި ރާޖީވް ގާންދީ އާއި ސަންޖޭ ގާންދީވެސް ވަނީ އަމެތީގެ މެމްބަރުކަން ކުރައްވާފަ އެވެ.
ނަމަވެސް މިފަހަރު ރާހުލް ގާންދީ ވަނީ އަމެތީގެ އިތުރުން ކެރަލާގެ ވަޔަނާޑްގެ ގޮނޑިއަށްވެސް ވާދަ ކުރައްވަން ނިންމަވާފަ އެވެ. އޭގެ ސަބަބުން ވެރިކަން ކުރާ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ)އިން ވަނީ ގާންދީ ދެ ގޮނޑިއަށް ވާދަ ކުރައްވަނީ އަމެތީގެ ގޮނޑި ކާމިޔާބު ކުރެއްވޭނެކަމުގެ ޔަގީންކަން ނެތުމުން ކަމަށް ބުނެފަ އެވެ.
ވަޔަނާޑްގެ ގޮނޑިއަށް ވޯޓުލުން މިދިޔަ މަހުގެ 23ގައި ވަނީ ބާއްވާފަ އެވެ. އެގޮނޑިއަކީ ކޮންގްރެސް ޕާޓީއަށް ގާތްގަނޑަކަށް ޔަގީން ސީޓެކެވެ. އެގޮތުން 2009 ވަނަ އަހަރު އެދާއިރާއިން ވޯޓުލާން ފެށި ފަހުން ބޭއްވި ދެ އާއްމު އިންތިހާބުގައިވެސް އެދާއިރާގެ ގޮނޑި ކާމިޔާބު ކުރީ ކޮންގްރެސް ޕާޓީ އެވެ.
ރާހުލް ގާންދީއަށް އަމެތީ އާއި ވަޔަނާޑްގެ ގޮނޑިވެސް ކާމިޔާބުވެއްޖެ ނަމަ އޭގެ ތެރެއިން އެއް ދާއިރާ ދޫކޮށްލައްވަން ޖެހޭނެ އެވެ. އަދި އެދާއިރާއެއްގައި ބައި އިލެކްޝަން ބާއްވާނެ އެވެ.
ރާހުލް ގާންދީގެ މަންމާފުޅު ސޯނިއާ ގާންދީ ވާދަ ކުރައްވަނީ އެކަމަނާ ތަމްސީލު ކުރައްވާތާ 14 އަހަރުވެފައިވާ ދާއިރާއަކަށެވެ. އަދި ދަރިކަނބަލުން ޕްރިޔަންކާ ގާންދީވެސް މިއިންތިހާބުގެ ކެމްޕެއިނަށް ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަނާވެސް ވާދަ ކުރައްވާނެ ކަމަށް ލަފާކޮށްފަ އެވެ. ނަމަވެސް ޕްރިޔަންކާ ވަނީ މިއަހަރުގެ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
އިންޑިއާގެ އިންތިހާބުގެ ވޯޓްލުން ދެ މަސް ދުވަހަށް ދެމިގެންދާއިރު، އިންތިހާބު ނިމޭނީ މިމަހުގެ 19ގަ އެވެ. އަދި ނަތީޖާ އިއުލާން ކުރާނީ މިމަހުގެ 23ގަ އެވެ.