09 May 2019, 14:55
ހުޅުމާލޭގައި ދުއްވި ބަހެއްގެ ދަށުވެ ޓޫރިސްޓަކު މަރުވި މައްސަލާގައި ހައްޔަރު ކޮށްފައިވާ ބަސް ޑްރައިވަރުގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ހުޅުމާލޭގައި ހިނގި އެ އެކްސިޑެންޓްގައި ބަސް ޑްރައިވަރަށް ނިދިގެން ގޮސް، ބަސް ކޮންޓްރޯލުން ނެއްޓި މަގުމަތިން ހިނގާފައި ދިޔަ ޔޫކްރެއިންގެ އަންހެނެއްގެ ގައި މައްޗަށް އަރައި އޭނާ ވަނީ މަރުވެފަ އެވެ.
ބަސް ޑްރައިވަރުގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވާތީ އިތުރު ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަސް ދުއްވަން އިން މީހާ އަކީ ބަސް ދުއްވުމުގެ ލައިސަންސް އޮތް ދިވެހި ޑްރައިވަރެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މަރުވި ޔޫކްރެއިންގެ 31 އަހަރުގެ އަންހެން މީހާ އަކީ އޭނާގެ ލޯބިވެރިޔާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއެކެވެ. އޭނާގެ އާއިލާއިން މާލެ އައުމުން އާއިލާއާ ހަށިގަނޑު ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.