10 May 2019, 13:00
ދިވެހި ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް، އެންމެ ޅަފަތުން ފެށިގެން ޢާއިލީ ލޯތްބާއި އޯގާތެރިކަން ލިބޭނެ ކުދިންކަން ކަށަވަރު ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަގުސަދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންގެ ދުވަހުގެ މުނާއްސަބަތުގައި ރައީސް ސޯލިހު މިއދު ދެއްވި ހިސާބުގައި ވިދާޅުވީ ދިވެހި ކުޑަކުދީންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އިތުރަށް ހަރުދަނާ ކުރަންޖެހޭ ބައެއް ކަންތައްތަކެއް އެބަހުރި ކަމަށެވެ.
މިހާރު ސަރުކާރުން އެންމެ މުހިންމު އިސްކަމެއް ދީގެން ކުރަމުންދާ ކަމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރުމުގެ މަސައްކަތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ފުރާވަރު އުމުރަށް އަޅައިގެން އަންނައިރު ކޮންމެ ކުއްޖަކީވެސް ޒިންމާދާރު އަދި ފަރުދީ މަސްއޫލިއްޔަތުތަކަށް އަހުލުވެރިވެފައިވާ ކުއްޖަކަށް ހެދޭނީ މައިންބަފައިންނާއި ބެލެނިވެރިންވެސް އެކުދިންގެ އެންމެ ޅަފަތުން ފެށިގެން، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދީގެން ކަމަށެވެ.
" އުމުރުފުރާތަކާ އެކަށީގެންވާ ގޮތުން އެ ކުދިންނަށް ދެވޭ ކޮންމެ މިނިވަންކަމަކާއެކު އެކުދިންގެ ކޮނޑުގައި ޒިންމާތަކެއްވެސް އެޅިގެންދާކަން އަބަދާއިއަބަދު ހަނދާންކޮށްދިނުމަކީ ބެލެނިވެރިންގެ ޒިންމާއެއް. ހަމައެއާއެކު އެ މިނިވަންކަމުގެ ބޭނުން ހިފަނީ އެންމެ އެކަށީގެންވާ ގޮތުގައިކަން ކަށަވަރުކުރުމަކީވެސް ބެލެނިވެރިންގެ މަސްއޫލިއްޔަތެއް." ރައީސް ސޯލިހު ވިދާޅުވި އެވެ.
ފަހުރުވެރި އާއިލާއެއް ބިނާކުރުމުގެ ހުވަފެން ހަގީގަތަކަށް ހެދޭނީ އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތުއްތު ކުދިން ތަރުބިއްޔަތު ކުރެވިގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ދަރީންގެ އިހުތިރާމާއި އެހީތެރިކަން މައިންބަފައިންނަށް ލިބެނީ ލޯތްބާއި އޯގާތެރިކަމުގެ އުނގެއްގައި އެކުދިން ތަރުބިއްޔަތު ކުރެވިގެން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ރީތި ސިފަތަކާއި އާދަތަކުން ޒީނަތްތެރިވުމަށްޓަކައި، އެކުދީން ހެދިބޮޑުވެ ތަރުބިއްޔަތުވަމުން އަންނަ އާއިލާއަކީ، ލޯތްބާއި އޯގާތެރިކަމާއެކު އެކަކު އަނެކަކާ މުއާމަލާތުކުރާ މާހައުލަކަށް ވާންޖެހޭ." ރައީސް ސޯލިހު ވިދާޅުވި އެވެ.
ސުޕާރީއާއި އެނަރޖީ ބުއިންތަކާއި ހަކުރު ގިނަ ބުއިންތަކާއި ސިއްހަތަށް ނުރަނގަޅު ތައްޔާރީ ކާނާގެ ބާވަތްތަކާ ތުއްތު ކުދިން ދުރުކުރުމަށްޓަކައި ކޮންމެ މަންމަޔަކާއި ބައްޕައެއް އަދި ކޮންމެ ބެލެނިވެރިއަކުމެ ފަރުދީ ޒިންމާ އުފުލުމަށް ރައީސް ސޯލިހު އިލްތިމާސް ކުރެއްވި އެވެ. އަދި ވިދާޅުވީ ހަށިހެޔޮ ދުޅަހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށްޓަކައ، ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ ސިއްހަތު ބެލޭނެ ދާއިމީ އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަންޖެހޭ ކަމެއް ކަމަށެވެ.