އިސްލާމީ މަރުކަޒުގެ ސަރަހައްދުގައި ހާއްސަ ޕާކިން ޒޯނެއް ހަދަން ނިންމައިފި އެވެ.

އެ ޕާކިން ޒޯން ހަދަން ނިންމާފައިވަނީ ކަޅުވަކަރު މިސްކިތް އެޅުމަށް ހުސްކޮށްފައިވާ ކުރީގެ ދިރާގު ހުރި ބިމުގަ އެވެ. އެ ބިން މިހާރު އޮތީ ކުރިން ސަލްޓަންޕާކް ސަރަހައްދުގައި ހުރި ކަޅުވަކަރު މިސްކިތް ބެހެއްޓުމަށްޓަކައި ހުސްވެސްކޮށްފަ އެވެ.

އެ ކަމާގުޅޭ ގޮތުން މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ މަރުކަޒުގައި ނަމާދަށް އަންނަ ފަރާތްތަކަށް އިތުރަށް ޖާގަ ހެދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މާބަލް ޖަހާފައި ހުރި ސަރަހައްދުގައި ޕާކްނުކުރުމަށްވެސް ޝިފާވަނީ އެދިވަޑައިގެންފަ އެވެ.

އިސްލާމީ މަރުކަޒަށް ހާއްސަ ޕާކިން ސަރަހައްދެއް ހަދަން ނިންމިއިރު ފިނޭންސް މިނިސްޓްރީ ކައިރީ އޮންނަ ހުސްބިމުގައި ޕާކިން ޒޯނެއް ހަދައި, އެތަން އިއްޔެ ވަނީ އާންމުންނަށް ހުޅުވާލައިފަ އެވެ.

އެ ތަނުގައި އަދި ޕާކްކުރެވޭނީ ދެ ފުރޮޅުލީ އުޅަނދަށް އެކަންޏެވެ. ސިޓީ ކައުންސިލްއިން ބުނީ އެތަނުގައި ގާތްގަނޑަކަށް 350 އެއްހާ ސައިކަލް ޕާކް ކުރެވޭނެކަމަށެވެ.

ގަވާއިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ގިނަވެ، އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.