11 May 2019, 20:32
އާޓިސްޓުންނަށް ދިމާވެފައިވާ ޝަކުވާތައް ހެރިޓޭޖް މިނިސްޓަރު ޔުމްނާ އައްސަވައިފި އެވެ.
އާޓިސްޓުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ސަރުކާރަށް އިއްވުމުގެ ގޮތުން އާޓިސްޓަކު ވަނީ އޭނާގެ ގައިގައި ލިޔެ އާޓް ގެލެރީގެ ކުރިމަތީގައި ހުރެގެން އިއްޔެ ހިމޭން އިހުތިޖާޖެއްކޮށްފަ އެވެ.
އޭނާގެ ގައިގާ ލިޔެފައިވާ ލިޔުންކޮޅެއްގައި އޭނާ ވަނީ ޔުމްނާއަށް އާޓިސްޓުންގެ އަޑުއިވޭތޯ ސުވާލު އުފައްދައިފަ އެވެ.
އެކަމާ ގުޅިގެން ޔުމްނާ ކުރި ޓުވީޓެއްގައި ވިދާޅުވީ އާޓިސްޓުންގެ ކަންބޮޑުވުންތައް އެނގޭ ކަމަށާއި އަދި އެ ކަންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އާޓިސްޓުން ބުނީ، އެމީހުންނަށް ޓަކައި ހަދައިފައިވާ އާޓް ގެލެރީ އެކަށީގެންވާ ގޮތަށް ބޭނުންނުކުރެވޭ ކަމަށެވެ. އަދި އާޓް ގެެލެރީ އާޓިސްޓުންނަށް ކުއްޔަށްދޫކުރާތީވެސް އެކަމާމެދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އާ ސަރުކާރާއެކު އުފެއްދި ހެރިޓޭޖް މިނިސްޓްރީން ދަނީ އާޓިސްޓުންނަށް ދިމާވާ ދަތިތައް ބަލައި ހައްލުހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށްޓަކައި ފަންނުވެރިންނަށް ބޭނުންވާ ކަންކަން ފަހިކޮށް ދިނުމުގެ މަގުސަދުގައި ފަންނުވެރިންގެ ދަފުތަރުގައި ރަޖިސްޓްރީވުމަށްވެސް ވަނީ ހުޅުވާލައިފަ އެވެ.
އޭގެ އިތުރުން ފިލްމީ ދާއިރާއަށް ދިމާވެފައިވާ ކަންކަން ހައްލުކުމުގެ ގޮތުން ފިލްމީ ފަންނާނުންގެ ފޯރަަމެއްވެސް ދާދި ފަހުން ބާއްވައިފަ އެވެ.