ކޮލަމްބޯ (މެއި 13): ސްރީލަންކާގައި އަނެއްކާ ވެސް ބައެއް ސޯޝަލް މީޑިއާ ނެޓްވޯކްތަކާއި މެސެޖިން އެޕްތައް ބްލޮކްކޮށްފި އެވެ.

މިދިޔަ މަހުގެ 21ގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ލަންކާގައި ފޭސްބުކާއި ވަޓްސްއެޕާއި ޔޫޓިއުބް ފަދަ އެޕްތައް ބޭނުން ނުކުރެވޭ ގޮތް ހެދި އެވެ. އޭގެ ފަހުން އެ އެޕްތައް ބޭނުން ކުރެވޭ ގޮތް ހެދުމަށް ފަހު މިއަދު އެގައުމުން ވަނީ އަނެއްކާ ވެސް ސޯޝަލް މީޑިއާ ބްލޮކްކުރަން ނިންމާފަ އެވެ.

ލަންކާގެ އިންފޮމޭޝަން ޑިޕާޓްމެންޓުން ބުނި ގޮތުގައި އެ އެޕްތައް ބްލޮކް ކުރަން ނިންމީ އިއްޔެ އެގައުމުގެ ޗިލޯގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، ސައްހަ ނޫން މައުލޫމާތު ފެތުރުން ހުއްޓުވުމަށްޓަކަ އެވެ.

ފޭސްބުކުގައި އުފެދުނު ދެބަސްވުމަކާ ގުޅިގެން ޗިލޯގައި ފެށުނު އެހަމަނުޖެހުންތަކުގައި ބަޔަކު ވަނީ މިސްކިތްތަކަށާއި މުސްލިމުން ހިންގާ ފިހާރަތަކަށް ގާ އުކާ، ގެއްލުން ދީފަ އެވެ. އޭގެ ސަބަބުން "ފޭސްބުކުގައި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ" ވާހަކަ ދެއްކި މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަސާރާ އިން ފާހަގަ ކުރާ އީސްޓާ ސަންޑޭގައި ލަންކާގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި 250 އަށް ވުރެ ގިނަ މީހުން މަރުވެ 500 މީހުންނަށް އަނިޔާވި އެވެ.