ރޭ ހުޅުމާލޭގައި ރާ ކޭސްތަކެއް އަރުވައިގެން ދިޔަ ޓެކްސީއެއް ހުއްޓުވައި އެ ކަމުގައި އުޅުނު ބިދޭސީއަކު ހައްޔަރު ކުރި ނަމަވެސް އެ ޓެކްސީ ދުއްވަން އިން ޑްރައިވަރު ފިލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 3:52 އެހާކަންހާއިރު ކަމަށެވެ.

އެގޮތުން ރޭ ފުލުހުން ހުޅުމާލޭގައި ޕެޓްރޯލް ކުރުމުން ދަނިކޮށް ހުޅުމާލެ އެފްއެސްއެމް ފިއުލް ޝެޑް ކައިރިން ޑިންގީއެއްގައި ފޮށިތަކައް ބާލައި ޓެކްސީއަށް އެރުވިތަން ފެނުނު ކަމަށެވެ.

އެ ޓެކްސީ ހުޅުމާލެ ސިވިލް ކޯޓު ކައިރިން ހިފަހައްޓައި ޗެކް ކުރިއިރު 60 ފުޅި ބަނގުރާ ފެނުނު ކަމަށާއި، ޓެކްސީގައި ތިބި ދެ މީހުންގެ ތެރެއިން ޓެކްސީ ޑްރައިވަރި ފިލިއިރު އެ ޓެކްސީގައި އިން 39 އަހަރުގެ ބަނގުލަދޭޝް މީހާ ފުލުހުންގެ ބެލުމުެގ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރަމަޟާން މަގާ ދިމާކޮށް ފުލުހުން ދަނީ މާލޭގެ އެކި ހިސާބުތައް ގަވައިދުން ޕެޓްރޯލް ކުރަމުންނެވެ.