ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިމާރާތް ކުރަން ފެށި ރައްޔިތުންގެ މަޖިލީހުގެ އާ އިމާރާތްގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމައި މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފި އެވެ.

މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަނަސް ޑިރެކްޓަރު ހަސަން ޒިޔާއު 'ސަން' އަށް ވިދާޅުވީ، މަޖިލީހުގެ 13 ބުރީގެ އާ އިމާރާތުގެ މަސައްކަތް ނިންމައި މިދިޔަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު މަޖިލީހުގެ އިދާރާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އަދި އެ އިމާރާތަށް މަސައްކަތް ބަދަލުކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރުގެ ސެޕްޓެމްބަރ 14 ގައި އާރްސީއެންސީއަށް، އިމާރާތް ކުރުމަށް ހަވާލުކުރި މަޖިލީހުގެ އެ އިމާރާތް ބޭނުން ކުރަމުން ދާނީ އިދާރީ ކަންކަމަށާއި މެންބަރުންގެ އެހެނިހެން ބައްދަލުވުންތަކަށް ކަމަށް ޒިޔާއު ވިދާޅުވި އެވެ.

"މިހާރު ވަރަށް ދަތިކޮށް މަޖިލީހުގެ އިދާރާގެ މަސައްކަތްތައް ކުރަމުން މި ދަނީ ވަރަށް ކުދި ކުދި ތަންކޮޅުތަކުގައި. އާއިމާރާތް ނިމުމުން އެ ކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެ،" ޒިޔާއު ވިދާޅުވި އެވެ.

ސަތޭކަ އެގާރަ މިލިއަން ރުފިޔާއަށް ހަވާލުކުރި އެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމުނު ނަމަވެސް އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހަމަނުވާކަން ޒިޔާއު ފާހަގަ ކުރެއްވި އެވެ.

އޭނާ ވިދާޅުވީ އާ އިމާރާތަށް ބޭނުންވާ ފަރުނީޗަރު ހޯދައިދޭނެ ފަރާތެއް ހޯދުމަށް ޓެންޑަރ ބޯޑަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.