17 May 2019, 14:18
ކޮލޮމްބޯ (މެއި 17): ސްރީލަންކާގެ މިސްކިތްތަކުގައި ހުކުރު ހުތުބާ ދިނުމުގެ ކުރިން، އެ ހުތުބާތައް ސަރުކާރުން ފާސް ކުރަންޖެހޭ ގޮތަށް ނިންމައިފިއެވެ.
ލަންކާގެ ސަރުކާރުން އެފަދައިން އިއުލާން ކުރީ މިދިޔަ މަހުގެ 21ގައި އެގައުމުގެ ފައްޅިތަކަށާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އެ ގައުމުގެ މިނިސްޓްރީ އޮފް މުސްލިމް ރިލިޖަސް އެންޑް ކަލްޗަރަލް އެފެއާސްއިން ބުނި ގޮތުގައި މިސްކިތްތަކަކީ ހަރުކަށި ހިޔާލު ފަތުރާ މަރުކަޒުތަކަށް ވެގެން ނުވާނެއެވެ.
އެ މިނިސްޓްރީން ވަނީ މިސްކިތްތަކުގައި ރުޅިވެރިކަމާއި ހައްދު ފަހަނައެޅުމަށް މަގުފަހިވާ ފަދަ ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އަންގާފައެވެ. އަދި މިސްކިތްތަކުގައި ހުކުރު ހުތުބާ ދިނުމުގެ ކުރިން، ހުތުބާގެ ކޮޕީއެއް ފޮނުވަން ޖެހޭނެކަމަށް ބުނެފައި ވެއެވެ.
ލަންކާއިން ބުނާ ގޮތުގައި އެހަމަލާތަކުގެ ފަހަތުގައި ވަނީ ހަނގުރާމަވެރި ދެ ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީދު ޖަމާއަތު (އެންޓީޖޭ)އާއި ޖަމާއަތު މިއްލަތު އިބްރާހިމްއެވެ. މި ދެ ޖަމާއަތްވެސް ވަނީ ލަންކާގައި ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ކަނޑައަޅައި، ލަންކާގައި މަނާކޮށްފައެވެ.
އައިއެސްއިން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގާފައެވެ.
ނަސާރާއިން ފާހަގަކުރާ އީސްޓާއާ ދިމާކޮށް ދިން އެހަމަލާތަކާ ގުޅިގެން ލަންކާއިން ފޮނުވާލި މީހުންގެ ތެރޭގައި ބޭރު ގައުމުތަކަށް ނިސްބަތްވާ 200 ދީނީ އިލްމުވެރިން ހިމެނެއެވެ. އެގައުމުން ބުނި ގޮތުގައި އެމީހުން ފޮނުވާލީ ވިސާ ހަމަވުމުގެ ސަބަބުންނެވެ.
އެހަމަލާތަކަށް ފަހު ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ވަނީ ހަމަލާތަކެއް ދީފައެވެ. އެގޮތުން ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައި، މިސްކިތްތަކަށާއި މުސްލިމުން ވިޔަފާރި ކުރާ ތަންތަނަށް ގެއްލުންދީފައިވެއެވެ.