ދިއްލީ (މެއި 20): ހަތް ފިޔަވައްސަކަށް ބަހާލައިގެން އިންޑިއާގައި ކުރިއަށްގެންދިޔަ އާންމު އިންތިހާބުން ކުރި ހޯދާނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)އިން ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފިއެވެ.

މިދިޔަ މަހުގެ 11 ގައި ފެށުމަށް ފަހު އިއްޔެ ނިންމާލި އެ އިންތިހާބުގައި އެންޑީއޭއިން 280 އާއި 315 ގޮނޑިއާ ދެމެދުގެ މިންވަރަކަށް ގޮނޑި ކާމިޔާބު ކުރާނެކަމަށް ހަތަރު އެކްޒިޓް ޕޯލްއަކުން ވަނީ ދައްކާފައެވެ. ނަމަވެސް ނީލްސަން އޭބީޕީ ނިއުސް ޗެނަލްއިން ހެދި ޕޯލްއަކުން ދެއްކި ގޮތުގައި ބީޖޭޕީ އެލަޔަންސަށް ލިބޭނީ 267 ގޮނޑި އެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން 272 ގޮނޑި ބޭނުންވެ އެވެ.

އޭގެ މައިގަނޑު ސަބަބަކަށް ވާނެ ކަމަށް ބެލެވެނީ، ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއަށް އެންމެ ގިނައިން މެމްބަރުން ފޮނުވާ އުއްތަރު ޕްރަދޭޝްއިން އެންޑީއޭއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުމެވެ. މިދިޔަ ދައުރުގެ އިންތިހާބުގައި އެސްޓޭޓުގެ 80 ގޮނޑީގެ ތެރެއިން 71 ގޮނޑި ބީޖޭޕީން ކާމިޔާބު ކުރިއެވެ.

ނަމަވެސް މިފަހަރު އެ ސްޓޭޓުގެ މައި ދެ ޕާޓީން ވަނީ ބީޖޭޕީގެ ތާއިދު ކުޑަ ކުރުމަށް ކޯލިޝަނެއް ހަދާފައެވެ. އެއީ ސަމަޖުވާދީ ޕާޓީ (އެސްޕީ) އާއި ބަހޫޖާން ސަމަޖް ޕާޓީ (ބީއެސްޕީ) އެވެ. ދެ ޕާޓީގައިވެސް އިސްކޮށް ތިއްބަވަނީ އެސްޓޭޓުގައި ޗީފް މިނިސްޓަރުކަން ކުރެއްވި ދެ ބޭފުޅުން ކަމަށްވާ އަކިލޭޝް ޔާދަވްއާއި ކުމާރީ މަޔަވަތީއެވެ.

އިންޑިއާގެ ސަރުކާރާ އިދިކޮޅު ބައެއް ފަރާތްތަކުން ވަނީ އެގްޒިޓް ޕޯލްތައް ގަބޫލު ނުކުރާނެކަމަށް ބުނެފައެވެ. އަދި ކަމާ ބެހޭ މާހިރުންވެސް ވަނީ މީގެ ކުރީގެ އިންތިހާބުތަކުގައި އެގްޒިޓް ޕޯލްތަކުން ސައްހަ ނޫން ނަތީޖާތައް ލިބިފައިވާކަން ފާހަގަކޮށްފައެވެ.

އެ އިންތިހާބުގެ ވޯޓު ގުނުން ފަށާނީ އަންނަ ބުރާސްފަތި ދުވަހުގައެވެ. އަދި މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ ޕާޓީއެއްގެ ކެންޑިޑޭޓަކު، ބޮޑުވަޒީރު ކަމަށް އައްޔަން ކުރާނެއެވެ.