ބަތަލާ އައިޝްވާރްޔާ ރާއީ ބައްޗަން އާއި އިންޑިއާގެ ނިމިގެން ދިޔަ ލޯކް ސަބާ އިންތިޚާބާ ގުޅުވައިގެން މީހަކު ހެދި މީމް އެއް އޭނާގެ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ވިވެކް އޮބެރޯއި ރީޓުވީޓު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން ވިވެކް އަށް އަމާޒުވެއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މީމްގައި ވަނީ އައިޝްވާރްޔާގެ ކުރީގެ ދެ ލޯބިވެރިން ކަމުގައިވާ ސަލްމާން ޚާން އަދި ވިވެކް އާއެކު ނަގާފައިވާ ފޮޓޯ އަކާއި ފިރިމީހާ އަބީޝެކް ބައްޗަން އަދި ދަރިފުޅު އަރާދިޔާ އާ އެކު ނަގައިފައިވާ ފޮޓޯއެއްގެ ކޮލާޖެކެވެ.

ސަލްމާން އާއެކު އިން ފޮޓޯގައި ޖަހައިފައި ވަނީ ޚިޔާލު ހޯދުމުގެ ޕޯލް ކަމަށެވެ. އަދި ވިވެކް އާ އެކު އިން ފޮޓޯގައި އެއީ އެގްޒިޓް ޕޯލް ކަމަށާއި އަބީޝެކް އާ ދަރިފުޅާ އެކު އިން ފޮޓޯގައި އެއީ ނަތީޖާ ކަމަށް ލިޔެފައިވެ އެވެ.

ވިވެކް އެ މީމް ރީޓުވީޓުކޮށް ލިޔެފައި ވަނީ އެއީ ވަރަށް "ކްރިއޭޓިވް" މީމް އެއް ކަމަށާއި އެއީ އެއްވެސް ވަރަކަށް ސިޔާސީ ޕޯސްޓެއް ނޫން ކަމަށެވެ.

އެހެންނަމަވެސް، އެ ޖޯކު ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. އޭގެ ތެރޭގައި ބޮލީވުޑް ފަންނާނުންނާއި ކުޅިވަރު ޝަޚުސިއްޔަތުން ހިމެނެ އެވެ. އައިޝްވާރްޔާގެ ޕާސަނަލް ދިރިއުޅުން ޖޯކަކަށް ހަދައި އަދި ކުޑަކުއްޖެއްގެ ފޮޓޯ ޖަހައިފައިވާ ޕޯސްޓެއް ވިވެކް އަށް މަޖާ ކަމަކަށް ވީތީ ހައިރާންވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެގޮތުން ބަތަލާ ސޯނަމް ކަޕޫރު ވެސް ވަނީ އެއީ ވަރަށް ދަށު ދަރަޖައިގެ އަމަލަށް ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ. ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ބަޔަކު އަންނަނީ އެ ޕޯސްޓު ޑިލީޓްކޮށް، މައާފަށް އެދުމަށް ވިވެކް ގާތުގައި އެދިފަ އެވެ.

އޭގެ އިތުރުން އިންޑިއާގެ އަންހެނުންގެ ޤައުމީ ކޮމިޝަނުން ވަނީ ކުޑަ ކުއްޖަކާއި އަންހެނެއްގެ އަބުރަށް ހުތުރުވާ ފަދަ ޓުވީޓެއް ކޮށްފައިވާ ކަމަށް ބުނެ، އެކަމަށް ޖަވާބުދާރީވުމަށް އަންގައި ވިވެކް އަށް ނޯޓިސް ފޮނުވައިފަ އެވެ.

ޓުވީޓާ ގުޅިގެން މީހުން ކިޔަމުންދާ އެއްޗެއްސަށް ޖަވާބުދީ ވިވެކް ބުނެފައި ވަނީ އެންމެން ރުޅި އަންނަން ޖެހޭ ސަބަބެއް އޭނާ އަށް ނުވިސްނޭ ކަމަށެވެ. އެއީ އޭނާ ހެދި މީމް އެއް ނޫން ކަމަށާއި އެ މީމް އޭނާ އަށް މަޖާވުމުން އެ ޝެއާ ކުރުމަކީ މައާފަށް އެދެން ޖެހޭ ވަރު ކަމެއް ނޫން ކަމަށެވެ.

އަދި އޭނާ އެއްޗެއް ޝެއާ ކޮށްގެން އައިޝްވާރްޔާ ނޫނީ ސަލްމާން ވެސް ހިތްހަމަނުޖެހުން ފާޅުކޮށްފައި ނުވާ އިރު، ސޯނަމް ކަޕޫރު އެކަމާ "އޯވާ ރިއެކްޓު" ކުރަން ނުޖެހޭ ކަމަށް ވެސް ވިވެކް ބުންޏެވެ. ސޯނަމް އަށް ރައްދުދީ ވިވެކް ބުނެފައި ވަނީ ފިލްމުތަކުގައި "އޯވާ އެކްޓު" ނުކޮށް އަދި ސޯޝަލް މީޑިއާގައި "އޯވާ ރިއެކްޓު" ނުކުރަން އެދޭ ކަމަށެވެ.

ވިވެކް ވަނީ ސޯނަމް އަންހެނުން ބާރުވެރި ކުރުވަން މިހާތަނަށް ކުރި މަސައްކަތެއް ހާމަކޮށްދިނުމަށް ވެސް އެދިފަ އެވެ.

"އަހަންނަކީ ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި އެތައް އަންހެނުންނާއި ކުޑަކުދިންނަކަށް އެމީހުންގެ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތް ކުރަމުން އަންނަ މީހެއް. ތަނަވަސްކަން ނެތި މަގުމަތިވެފައިވާ އެތައް ކުދިންނަކަށް ހިލޭ ބޯހިޔާވަހިކަން ފޯރުކޮށްދީ، އެކުދިންނަށް ކިޔަވައިދީފިން. އެތައް ކުދިންނެއް އެމެރިކާ، އިނގެރޭސިވިލާތް އަދި ކެނެޑާ ފަދަ ޤައުމުތަކުގައި މިހާރު ވެސް އަންނަނީ މަތީ ތައުލީމު ހާސިލް ކުރަމުން،" ވިވެކް ބުންޏެވެ.

ވިވެކް ބުނީ އަންހެނުންގެ ކޮމިޝަނަށް ހާޒިރުވާން ތައްޔާރަށް ހުރި ކަމަށާއި ނަމަވެސް މައާފަށް އެދެން ޖެހޭ ވަރުގެ ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ. އަދި ހުރިހާ ވެސް މައްސަލައަކީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޕީއެމް ނަރެންދުރަ މޯދީ" ކަމަށެވެ.

އެ ފިލްމު ރިލީޒްކުރުމާ ދެކޮޅަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން މިހާރު ނެތް މައްސަލައެއް އުފައްދައިގެން އޭނާ ޖަލަށް ލުމަށް މަސައްކަތް ކުރަނީ ކަމަށް ވިވެކް ބުންޏެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހަޔާތުގެ މައްޗަށް އުފައްދައިފައިވާ އެ ފިލްމު ރިލީޒްކުރާނީ އަންނަ ހުކުރު ދުވަހު އެވެ.