ކ. ދިއްފުށީގައި މިރޭ ހިނގި ހަމަނުހެމުގައި ޒަހަމްވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

އެ ރަށު ފިހާރައަކުން މީގެ ދުވަސްކޮޅެއް ކުރިން ވަގަށް ނެގި ދެ ލައްކައެއްހާ ރުފިޔާގެ ތިޖޫރީ ހޯދުމަށް ރައްޔިތުން ކުރި މަސައްކަތުން ވަގުންނާ ކުރިމަތިލައި، މިރޭ ވަނީ އެ ތިޖޫރީ ހޯދާފައެވެ. ތިޖޫރީ ހޯދި އިރު، އޭގައި ފައިސާ ނެތުމުން ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ އަށް އެ ރަށުގެ މީހުން ވަނީ ހަމަލާ ދީފައެވެ.

އެރަށު ކައުންސިލަރަކު "ސަން" އަށް މިރޭ ވިދާޅުވީ، މިރޭ އެރަށުގައި ހިނގި ހަމަ ނުޖެހުމުގައި ޒަހަމްވި މީހާއަށް ދިއްފުށީ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު މިރޭ ދަންވަރު 2:00 އެހާކަށްހާއިރު، މާލެ ފޮނުވާލައިފައިވާ ކަަމަށެވެ. އެމީހާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގައެވެ.

އޭނާގެ ހާލު ސީރިއަސް ކަމެއް ނުވަތަ ނޫން ކަމަށް އަދި ކަށަވަރު ނުވެއެވެ.

ދިއްފުށިން ވާހަކަ ދެއްކި މީހަކު "ސަން" އަށް ކިޔައިދިން ގޮތުގައި އެރަށު ތުނޑީގައި ވަޅުލާފައި ވަނިކޮށް ތިޖޫރީ ފެނުނީ ވަގުންގެ ޓީމުގައި ހިމެނޭ މީހަކު ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.

ކދިއްފުށީގައި މިރޭ ހިނގި ހަމަނުޖެހުމުގައި ޒަހަމްވި މީހާ މާލެ ފޮނުވާލަނީ: އޭނާގެ ހާލު ސީރިއަސް ކަމެއް އަދި ކަށަވަރެއް ނުވޭ -- ސަން ފޮޓޯ/ ކިޔުންތެރިއެއް

ފުލުހުންގެ ޓީމެއް މިހާރު ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ. މިރޭ ދިއްފުށީގައި މާރަމާރީއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

ދިއްފުށީގައި މިރޭ ހަމަނުޖެހުމެއް ހިންގާފައި ވަނީ އެރަށުގައި ވައްކަން ގިނަވެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުމުން ރައްޔިތުންނާއި ވަގުންނާ މެދު ރޭ ވެސް ބޮޑު ހަމަނުޖެހުމެއް ހިނގާފައި ވަނިކޮށެވެ. ރޭ ހިނގި ހަމަނުޖެހުމުގައި ރައްޔިތުން ވަނީ ތުޖޫރީގައި ހިމެނޭ 60،000 ރުފިޔާ ހޯދާފައެވެ. އަދި ބާކީ ހުރި 120،000 ރުފިޔާ ނުފެނެއެވެ. އެ މާރާމާރީގައި ދެ މީހަކަށް އަނިޔާވެ، އޭގެ ތެރެއިން އެކަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާދެމުންނެވެ.

ރޭ ހިނގި ހަމަނުހެމުގައި އެ ރަށު ފަޅުގައި އޮތް ޑިންގީއެއްވެސް ވަނީ އަންދާލާފައެވެ. އެ ޑިންގީ އަކީ، ވައްކަން ކުރާ މީހުން ބޮޑެތި ޖަރީމާތައް ހިނގުމަށް ބޭނުން ކުރަމުން އައި ޑިންގީއެއް ކަމަށް އެރަށު ރައްޔިތުން ތުހުމަތު ކުރެވެއެވެ.