އިދްލިބް (މޭ 29) : ސޫރިޔާގެ ހުޅަނގު އުތުރުގެ އިދްލިބް އާއި އެޕްރޮވިންސްގެ ވަށައިގެންވާ ސަރަހައްދުތަކަށް ސޫރިޔާ ސިފައިންނާއި ރަޝިޔާގެ ފައިޓާޖެޓްތަކުންދޭ ހަމަލާތަކުގައި އެތައް ބަޔަކު މަރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ސަރަހައްދުތަކުގެ އާންމުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން ސޫރިޔާ ސިފައިންނާއި ރަޝިޔާގެ ވައިގެ ޙަމަލާތަކުގައި ހަނގުރާމަވެރިންގެ އިތުރުން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން މަރުވަމުންދާއިރު ހަމަލާތައް އަމާޒުކުރާ އިމާރާތްތައް ފުނޑުފުނޑުވެ އެތައް ބަޔަކު ވަނީ އިމާރާތްތަކުގެ ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފަ އެވެ. މިގޮތަށް ތާށިވެފައިވާ މީހުންނާއި ކުދިން ނަގާއިރު ގިނަކުދިން މަރުވެފައިވާ ކަމަށް ވެސް މަންޒަރު ދުށް އާންމުން ބުނެ އެވެ.

ރިޕޯޓްތަކުގައި މުރާސިލުން ވަނީ އިދްލިބްގެ އިރުމަތީގައި އޮންނަ ހަމާ ޕްރޮވިންސްގެ އެކި ސަރަހައްދުތަކުގެ މަގުތައްމަތިން މަރުވެފައިވާ މީހުންގެ ގިނަ އަދަދެއްގެ ހަށިތައް ފެންނަކަން ފާހަގަކޮށްފަ އެވެ. މިގޮތަށް ފެންނަ ހަށިތައް ވަނީ ހަމަލާތަކުގެ ސަބަބުން ކާކުކަން ނޭނގޭ ވަރަށް އަނދާފައިކަން މުރާސިލުން ފާހަގަކުރެ އެވެ.

އިދްލިބްގައި ބައްޕައަކު އޭނާގެ މަރުވެފައިވާ ދަރފުޅު ގެ ހަށިގަނޑު ގެންދަނީ

ސޫރިޔާ ސިފައިން ވަނީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށުން އިދްލިބް މިނިވަން ކުރުމަށް އަސްކަރީ އޮޕަރޭޝަނެއް ކުރިޔަށް ގެންދާކަން ރޯދަމަހުގެ ކުރީކޮޅު ހާމަކޮށްފަ އެވެ. ސޫރިޔާގެ ހަނގުރާމައާ ބެހޭ ޚަބަރުތައް ގެނަސްދޭ "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނީ ސޫރިޔާ ސިފައިންގެ އަސްކަރީ އޮޕަރޭޝަންގައި ވައިގެ މަގުން ހަމަލާތައްދެނީ ރަޝިޔާގެ ފައިޓާ ޖެޓްތަކުން ކަމަށާއި އެ ހަމަލާތަކުގައި ކޮންމެ ދުވަހަކު ވެސް ހަނގުރާމަވެރިންނާއި ގިނަ އަދަދެއްގެ އާންމުން މަރުވަމުންދާކަމުގަ އެވެ. ހަނގުރާމަ އެންމެ ބޮޑަށް ހިނގަމުންދަނީ އިދްލިބް އާއި އިދްލިބްގެ އިރުމަތީގައި އޮންނަ ހަމާ ޕްރޮވިންސްގަ އެވެ.

ސޫރިޔާ ސިފައިންގެ ހަމަލާތަކަށް ރައްދު ދިނުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ ކުރީގެ ޖަބްހަތުއްނުސްރާ އަދި މިހާރުގެ "ހައިއަތު ތަހްރީރް އައްޝާމް" ޖަމާއަތް ކަމަށާ އެޖަމާއަތުގެ ހަނގުރާމަވެރިންނާއި ސޫރިޔާ ސިފައިންނާ ދެމެދު އެއްގަމުން ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ކަމަށް "ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސް" އިން ބުނެ އެވެ.

ސޫރިޔާއާއި ރަޝިޔާގެ ހަމަލާތަކުގައި ފުނޑުފުނޑުވެފައިވާ އިމަރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނ

އިދްލިބް ސަރަހައްދަކީ ސޫރިޔާގެ އެކިކަންކޮޅުތަކުގައި ސޫރިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރި ޓެރަރިސްޓް ޖަމާއަތްތަކާ އަދި އެނޫންވެސް ޖަމާއަތްތައް ސޫރިޔާ ސިފައިންގެ އަތްދަށުން ބަލިވުމުން އެޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ޖަމާވެފައިވާ ސަރަހައްދެވެ. އެސަރަހައްދުގައި އައިއެސް ޖަމާއަތާއި "ހައިއަތު ތަހްރީރް އައްޝާމް" (ކުރީގެ ޖަބްހަތުއްނުސްރާ) ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ އިތުރުން ފްރީސީރިޔަން އާމީ ޖަމާއަތްފަދަ ހުޅަނގާއި ތުރުކީވިލާތުގެ މަދަދު ލިބިގެން ސޫރިޔާ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރި ޖަމާއަތްތަކުގެ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް އެބަތިއްބެވެ.

ސޫރިޔާ ސަރުކާރުން ވަނީ މި ޖަމާއަތްތަކުގެ ކިބައިން އިދްލިބް މިނިވަންކުރާނެ ކަމަށާއި ކޮންމެ އަގެއް ދައްކައިގެން ނަމަވެސް އެސަރަހައްދު ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެންނާނެ ކަމަށް ބުނެފަ އެވެ. އިދްލިބް މިނިވަންކުރުމަށް ސޫރިޔާ ސިފައިން ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ރެފިއުޖީންގެ ގޮތުގައި އެތައް ލައްކަ ބަޔަކު ސަރަހައްދީ ރޮނގު ހުރަސްކޮށް ތުރުކީވިލާތަށް ވަންނާނެ ކަމުގެ ބިރު އޮތުމުން ތުރުކީވިލާތުން ވަނީ ސޫރިޔާ ސިފައިންގެ އަސްކަރީ އޮޕަރޭޝަން ހުއްޓުވައިދިނުމަށް ރަޝިޔާގެ ކިބައިން އެދިފަ އެވެ.

އިދްލިބްގައި ތާށިވެފައިވާ ހަނގުރާމަވެރިންގެ ތެރޭގައި އައިއެސް އާއި ޖަބްހަތުއްނުސްރާ އަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބޭރުގައުމުތަކުގެ ހަނގުރާމަވެރިން ވެސް ހިމެނެ އެވެ. އިދްލިބްގައި ތާށިވެފައިވާ ހަނގުރާމަވެރިންނާއި އެމީހުންގެ އާއިލާތައް ވަނަ ނުދިނުމަށްޓަކައި ތުރުކީގެ ސަރަހައްދީ ރޮނގު ބަންދުކޮށްފައިވާއިރު ތުރުކީ ގެންދަނީ އިދްލިބް މިނިވަންކުރުމުގެ ހަނގުރާމަ ހުއްޓުވުމަށް ރަޝިޔާ މެދުވެރިކޮށް ސޫރިޔާ ސަރުކާރަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. (ނޫސްއެޖެންސީތައް)