ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފާސްނުކޮށް ލަސްކުރި، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމާ ބެހޭ ބިލް އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު ރައީސް އިބްރާހިމް ސޯލިހް ރިޔާސީ ދެ ކޮމިޝަނެއް އުފެއްދެވީ ގެއްލުވާލެފައިވާ މީހުންނާއި ނުބެލި ހުރި މަރުތަކުގެ މައްސަލަ ތަކާއި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށެވެ.

ސަރުކާރުގެ ފަރާތުން ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލް މަޖިލީހަށް މިއަދު ހުށަހެޅުއްވީ، އަލިފުށީ ދާއިރާ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.

ހޯމަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައިވާގޮތުން އެ ޖަލްސާގައި އޮންނާނީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ރިޔާސީ ކޮމިޝަންތަކުގެ ބިލު އަވަސް ކޮށްދިނުމަށް ރައީސް ސޯލިހް ވަނީ ނިމިގެން ދިޔަ މަޖިލިސްގައި އެދިފައެވެ. ނަމަވެސް ތަފާތު އުޒުރުތަކެއް ދެއްކުމަށްފަހު އެ ބިލް އޮތީ މަޖިލީހުގައި ތާށިވެފައެވެ.

އެ ބިލުގެ ސަބަބުން މިހާރު ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ މިނިވަން މުއަސަސާތަކުގެ ބާރު ކެނޑޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކާއި އޭރުގެ މަޖިލިސް ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ވަނީ އެ ބިލަށް ފާޑު ކިޔާފައެވެ.

ރިޔާސީ ކޮމިޝަންގެ ބިލުގެ އިތުރުން ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ، ނިމިގެންދިޔަ މަޖިލިސްގައި ފާސްކޮށް ރައީސް ސޯލިހް ތަސްދީގު ނުކޮށް މަޖިލީހަށް އަލުން ވިސްނުމަށް އަނބުރާ ފޮނުވި ދެ ބިލެއް ވެސް އެޖެންޑާ ކޮށްފައެވެ. އެއީ ފަނޑިޔާރުންގެ ގާނޫނަށް ހަ ވަނަ އިސްލާހު ގެނައުމުގެ ބިލާއި ނައިބު ރައީސްކަން ކޮށްފައި ތިބި މީހުންނަށް އިނާޔަތް ދިނުމާއި ރައްކާތެރިކަން ދިނުމުގެ ބިލެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކުރި އެހެނިހެން ކަންތައް:

  • މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ފަސް މެމްބަރުންގެ ނަން އިއުލާން ކުރުން.

  • ދާއިމީ ކޮމެޓީތަކަށް މެމްބަރުން އިންތިހާބު ކުރުން.
  • މިއަހަރުގެ ޖަލު އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލަ.
  • ގާނޫނީ ފަންނުގެ ބިލު