01 Jun 2019, 20:18
ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމާއި ވަކީލުންނާ ގުޅޭ ހުރިހާ ކަމެއް ބަލަހައްޓަން ބާ ކައުންސިލު އުފެއްދުމަށް ބާރުދޭ ގާނޫނީ ފަންނުގެ ބިލު އަންނަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ގާނޫނީ ފަންނުގެ ބިލަކީ ނިމިގެން ދިޔަ މަޖިލީހުގެ ދައުރުގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވި ބިލެކެވެ. މިނިވަން މުއައްސަސާ ކޮމިޓީން އެ ބިލަށް ބަދަލުތަކެއް ގެނެސް ފާސް ވެސް ކުރި ނަމަވެސް، މަޖިލިހުގެ ތަޅުމުގައި ނެގި ވޯޓެއްގައި އެ ބިލް ވަނީ އަނބުރާ ކޮމިޓީ އަށް ފޮނުވާލައިފަ އެވެ.
ކޮމިޓީގައި ބިލު އޮއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުން އެ ބިލު ބާތިލުވީއެވެ. އެހެން ކަމުން އިންތި ވަނީ އަލަށް ހުވާ ކުރި 19 ވަނަ މަޖިލީހަށް އަލުން އެ ބިލު ހުށަހަޅައިފައެވެ. ހޯމަ ދުވަހު އޮތީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.
ބިލް އަލުން އެޖެންޑާ ކުރުމާ ގުޅިގެން، އުފާ ފާޅުކުރައްވައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ރޭ ވަނީ ޓްވީޓު ކުރައްވައިފައެވެ. އޭނާ ވިދާޅުވީ، 18 ވަނަ މަޖިލީހުގައި ބިލް ފާސް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވި ނަމަވެސް އާ މަޖިލީހުގައި ބިލު ފާސް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
އެ ބިލު ފާސްވުމާ އެކު ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އުފެދޭނެ ބާ ކައުންސިލާ އެކު ގާނޫނު ދާއިރާގައި މަސައްކަތްކުރާ ފަރާތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އުފެދި، ދާއިރާ އިތުރަށް މިނިވަން ވެގެންދާނެ ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ބިލުގައިވާ ގޮތުން ބާ ކައުންސިލް އެކުލަވާލަން ނިންމާފައިވަނީ އިންތިހާބު ކުރާ ހިންގާ ކޮމިޓީއަކާއި އެ ހިންގާ ކޮމިޓީން އެކުލަވާލާ ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. ހިންގާ ކޮމިޓީ އެކުލެވޭނީ ހަތް މެމްބަރުންގެ މައްޗަށް ކަމަށް ބިލުގައި ބުނެފައިވެ އެވެ. އެހުރިގާ ފަރާތްތަކަކީވެސް ވަކީލުންނަށް ވާން ޖެހެ އެވެ. ހިންގާ ކޮމިޓީއެއް މެމްބަރުން އައްޔަން ކުރަނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުން ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.
ބާ ކައުންސިލަށް ވަކީލުންނަށް ވަކީލުކަން ކުރުމުގެ ހުއްދަ ދޫކުރުމާއި ފިޔަވަޅު އެޅުމުގެ ބާރު ލިބިގެންވާނެއެވެ. ގާނޫނާ ހިލާފަށް އަމަލުކުރާ ވަކީލުން ބޮޑެތި އަދަދުތަކުން ޖޫރިމަނާވެސް ކުރެވޭނެއެވެ.