01 Jun 2019, 21:34
ކްރިމިނަލް ކޯޓުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުރިހާ މައްސައެއް އަނބުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފި އެވެ.
ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް އެ ދެ މައްސަލަވެސް އަލުން ބެލުމަށް ވަނީ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. އެ ދެ މައްސަލައިގެ އިތުރުން، އަދީބުގެ އިތުރު 10 ވަރަކަށް މައްސަލަ ކްރިމިނަލް ކޯޓުގައި އެބަ އޮތެވެ.
އަދީބާ ދެކޮޅަށް ހުށަހެޅިފައިވާ ހުރިހާ މައްސަލައެއް އަނބުރާ ޕީޖީއަށް ފޮނުވަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމާފައިވާކަން އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.
އެގޮތަށް މައްސަލަތައް އަނބުރާ ފޮނުވަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުއްވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ކަން ވަނީ އެނގިފައެވެ. އެ ހުށަހެޅުމަށް އެއް ފަނޑިޔާރަކު ދެކޮޅު ހެދި ނަމަވެސް، މައްސަލަތައް އަނބުރާ ފޮނުވަން ފާސްވީ ދެން ތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ.
ހައިލަމް އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅީ، އަދީބުގެ ހުރިހާ މައްސަލައެއް އަނބުރާ ޕީޖީއަށް ފޮނުވާލުމަށް ރަޖިސްޓްރާއަށް އޭނާ އެންގުމުން އެކަމަށް ރަޖިސްޓްރާ ދެކޮޅު ހެއްދެވުމުންނެވެ.
އަދީބުގެ ހުރިހާ މައްސަލަތަކެއް އަނބުރާ ފޮނުވާލަން ހައިލަމް ހުށަހެޅީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.
އެ ހުރިހާ މައްސަލަތަކެއް އަނބުރާ ޕީޖީއަށް ފޮނުވަން ނިންމާފައި ވަނީ އަންނަ އާދީއްތަ ދުވަހު ކަމަށްވެއެވެ.
މިވަގުތު ހުރިހާ ބޮޑެތި ހުކުމަކުން މިންޖުވެވަޑައިގެން ހުންނެވި އަދީބު ގެންދަވަނީ ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައެއްގެ 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އޭނާ ހުންނެވީ ގޭބަންދުގައެވެ.
މިކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ހޯދުމަށް އެ ކޯޓުގެ ރަޖިސްޓްރާ އަށް ގުޅުމުން ފޯނު ނުނަންގަވާތީ އެ ކޯޓުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.