މިފަހަރުގެ ފިތުރު އީދު ބަންދުގައި ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ލަފާކުރުންތަކުން ދައްކައިފި އެވެ.

ޝައްވާލު މަހުގެ ހަނދު ބެލުން އޮންނާނީ މާދަމާ ރެ އެވެ. އެހެންކަމުން މާދަމާ ހަނދު ފެނިއްޖެ ނަމަ އަންގާރަ ދުވަސް ވާނީ އީދު ދުވަހަށެވެ. ހަނދު ނުފެންނަ ނަމަ އީދު ދުވަސް ވާނީ އޭގެ އަނެއް ދުވަހަށެވެ. ނަމަވެސް ފުރުސަތު ބޮޑީ މާދަމާ ހަނދު ފެންނާނެ ކަމުގަ އެވެ.

މެޓުން މިއަދު ބުނީ، ރާއްޖޭގެ ސަރަހައްދުތަކުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވަމުންދާ ކަމަށާއި އެހެންކަމުން، މާދަމާއިން ފެށިގެން ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

އެހެން ކަމުގައި ވާ ނަމަ، އެ 72 ގަޑިއިރު ހިމެނޭނީ ފިތުރު އީދު ބަންދުގެ ތެރެއަށެވެ.

މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ. އެ އޮފީހުން ލަފާ ކުރަނީ އެ އަތޮޅުތަކަށް، ހުޅަނގު ދެކުނާއި ހުޅަނގުން 15 މޭލާއި 25 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އަދި ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނެއްގައި ކަމަށް ވެސް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާންމުކޮށް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ. އެހެންކަމުން، ކަނޑުދަތުރު ފަތުރު ކުރާ އިރު ސަމާލުވުމަށް މެޓުން ލަފާ ދެއެވެ.

ފިތުރު އީދު ބަންދަކީ ދިވެހިން އާންމުކޮށް ގިނައިން ދަތުރު ކުރާ ބަންދެކެވެ. އަދި ކުޅިވަރު ހަރަކާތްތައް އެ ބަންދުގެ ތެރޭގައި ރާވާފައި އޮވެ އެވެ. ވިއްސާރައިގެ ސަބަބުން، އެފަދަ ކުޅިވަރުތައް މީގެ ކުރިން ކެންސަލްކޮށްފައި އެބަ ހުއްޓެވެ.