03 Jun 2019, 14:39
އަންނަ މަހު ދަރުމަވަންތަ ހޮސްޕިޓަލް މުޅިން އޮޕަރޭޓްކުރެވޭ ވަރުވާނެ ކަމަށް އެ ހޮސްޕިޓަލް ހިންގާ އައިޖީއެމްއެޗުން ބުނެފި އެވެ.
މިއަދު ހެނދުނު އައިޖީއެމްއެޗުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަަމުން އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް މިިހާރު ވެސް މަޑުމަޑުން ދަރުވަމަވަންތަ ހޮސްޕިޓަލްއަށް ބަދަލުކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އައިޖީއެމްއެޗުގައި ހިންގި ފިޒިއޮތެރަޕީ ޑިޕާޓްމަންޓް ދަރުމަވަންތަ ހޮސްޕިޓަލްގެ ހަތަރު ވަނަ ފަންގިފިލާއަށް ބަދަލުކޮށް އަދި ސްޕީޗްތެރަޕީ ޑިޕާޓްމަންޓް ފަސް ވަނަ ފަންގިފިލާއަށް ބަދަލުކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން ހަމުގެ ބަލިތަކާއި ނާރުގެ ބަލިތަކާއި ޑަޔަޓީޝަން ކޮންސަލްޓޭޝަނާއި އެތެރެހަށީގެ ހާއްސަ ބަލިތަކާއި ކުޑަކުދިން ހާއްސަ ބަލިތަކުގެ އިތުރުން އޯޕީޑީގެ ހިދުމަތް ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ، ތިން ވަނަ އަދި ފަސް ވަނަ ފަންގިފިލާއަށް މިދިޔަ މަހު ބަދަލުކޮށްފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ.
ރާއްޖޭގައި މިދިޔަ އަހަރު އަލަށް ފެށި މެޑިކަލް ސްކޫލުގެ ދަރިވަރުންނަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ފަންގިފިލާ ވަނީ ހާއްސަކޮށްފަ އެވެ.
ސަލީމް ވިދާޅުވީ އައިޖީއެމްގެ ޑިޕާޓްމަންޓްތައް ދަރުމަވަންތަ ހޮސްޕިޓަލްއަށް ބަދަލުކުރުމުން އެތަނުން ހުސްވާ ޖާގަ ބޭނުންކުރާނެ ޖާގަ އެހެން ކަންކަމަށް ބޭނުންކުރާނެ ގޮތުުގެ ޕްލޭންތައް މިހާރު ހަދަމުންދާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްއަށް ބެޑްތައް އިތުރުކުރުމަށް ވެސް ވިސްނަމުންދާ ކަމަށް ސަލީމް ވިދާޅުވި އެވެ.