ޑަބްލިޔު ކޮންސްޓްރަކްޝަނުން ސޯޝަލް ސެންޓަރު ކައިރީ ހަމަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުން ވެއްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 14:15ގައި ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ހައުސިން މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑަބްލިޔު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމާރާތަކުން ސިމެންތި ބަސްތާ އެއް ވެއްޓި މިދިޔަ ޑިސެމްބަރު މަހު ކުޑަ ކުއްޑަ ކުއްޖަކު ވެސް ވަނީ ނިޔާވެފަ އެވެ. އެ ހާދިސާއަށް ފަހު އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންތައްތައް ފުރިހަމަކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް ފުލުހުންނާއި ސިޓީ ކައުންސިލް އަދި ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އިން ފެށި އެވެ.

ނަމަވެސް އަދި ވެސް އިމާރާތްކުރާ ސައިޓުތަކުގެ ސަލާމަތީ ކަންތައް ފުރިހަމަ ނުވެ ހުންނަތަން ފެނެ އެވެ. މަދުން ނަމަވެސް އެފަދަ ތަންތަނުން މަގުމައްޗަށް އެއްޗެހި ވެއްޓި މީހުންނާއި ތަކެއްޗަށް ގެއްލުންވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބެ އެވެ.