އެއްތަނުން އަނެއްތަނަށް ދިޔުމަށް ފައިމަގުގައި ދިޔުން އާދަކުރުމަށާއި ސައިކަލުގެ ބަދަލުގައި ބައިސްކަން ބޭނުން ކުރުމަށް އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ވައި ތަޣައްޔަރުވުމުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ ވެހިކަލްތަކުން އަރާ ދުމާއި ކުނި އެންދުމާއި ފެކްޓްރީތަކުން އަރާ ދުމުގެ ސަބަބުން ކަމަށެވެ. ވައި ތަޣައްޔަރުވުުމުން ހީނުކުރާ ސިއްހީ ގެއްލުންތައް ކުރިމަތިވާކަން ފާހަގަ ކުރަމުން މިނިސްޓަރު ވިދާޅުވީ، ވައި ނުސާފުވުން ސަލާމަތް ކުރުމަށް ކޮންމެ މީހަކު ފަރުދީ ޒިންމާ އަދާކުރަން ޖެހޭ ކަމަށެވެ.

"އިންސާނީ ތާރީހުގައި ޖައްވުގައި ކާބަންޑައިއޮކްސައިޑް ގެ މިންވަރު ކުރިން އިތުރު ނުވާހާ މިންވަރަށް މިއަހަރުގެ މާޗް މަހު އިތުރުވެފައިވޭ. މިފަދަ އިންޒާރުތަކަށް ފުރަގަސްދެވޭން ނެތް. ކޮންމެ މީހަކު ފަރުދީ ޒިންމާ އަދާކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ. "ދުއްވާ އުޅަނދުތައް ގަވައިދުން ސާވިސްކޮށް އެއްތަނުން އަނެއްތަނަށް ދިޔުމަށް ބައިސިކަލް ބޭނުން ކުރާ މިންވަރު އިތުރުކުރުމަށް ނުވަތަ ހިނގާފައި އުޅުން އިތުރުކުރަން ޖެހޭ،"

ވައި ތަޣައްޔަރު ވުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ހިއްސާއަކީ ކޮބައިތޯ ވިސްނައިލުން މުހިއްމު ކަމަށް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމާއި ތަފާތު ބޭނުންތަކަށް ހަކަތަ އުފައްދާ އުފެއްދުމާއި، އަދި ކުނި މެނޭޖްކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ޖައްވަށް ދޫކުރާ ދުމު ގައި އެކުލެވޭ ވިހަ މާއްދާތަކުން އިންސާނުންނާއި އެހެން ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ފިކުރުކުރަން ވަނީ ޖެހިފަ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ނޭނގި ނަމަވެސް ތަޣައްޔަރުވެފައިވާ ވަޔަށް ލާ ނޭވާގެ ސަބަބުން ފުއްޕާމޭގައި ވިހަ މާއްދާތައް އަށަގަނެ، ލޭގެ ތެރޭގައި މިމާއްދާތައް ދައުރުވާން ފަށަ އެވެ. އެއާއެކު ހަށިގަނޑުގެ މުހިއްމު ގުނަވަންތަކަށް އޭގެ އަސަރުކޮށް، ހިތުގެ ބަލިތަކާއި ސްޓްރޯކު، ކެންސަރު އަދި ފުއްޕާމެޔަށް ޖެހޭ ބަލިތައް ޖެހޭ ކަމަށް މިނިސްޓަރުގެ ބަޔާނުގައި ވިދާޅުވި އެވެ.

"ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 20 މީހުންގެ ތެރެއިން ނުވަ މީހުން ނޭވާ ލާން ޖެހިފައިވަނީ ތަޣައްޔަރުވެފައިވާ ވައި. އަދި ދުނިޔޭގައި މަރުވާ ކޮންމެ 9 މީހަކުން އެކަކީ ސާފު ވައިން މަހުރޫމް ވެފައި ވުމުގެ ސަބަބުން ދިމާވާ އުނދަގޫ ތަކާއި ހެދި މަރުވާ މީހެއް. އަހަރެއްގެ މައްޗަށް ހަތް މިލިއަން އިންސާނުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ނުއުމުރުގައި މިދުނިޔެއާއި އަލްވަދާއު ކިޔާއިރު، މީގެ ތެރެއިން 6 ލައްކަ އަކީ 5 އަހަރުން ދަށުގެ ކުދިން،" މިނިސްޓަރުގެ ބަޔާނުގައި ފަހަގަ ކުރެއްވި އެވެ.

ޖައްވު ތަޣައްޔަރުކުރާ މާއްދާތައް ވައިގެ ފަށަލައިގައި އިތުރުވުމުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ މިއަދު ހަމައެކަނި ދިރާސާއަކުން ފެންނަން ހުރި ކަންކަން ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ތޫފާންތަކުގެ ބާރު ގަދަވުމާއި،ހަނަފަސްކަން އިތުރުވުމާއި، ގަސްކަރައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި ލިބޭ ގެއްލުންތަކަކީ ދުނިޔޭގެ އެތައްބަޔަކު ކޮންމެ ދުވަހަކުވެސް ތަހައްމަލު ކުރަން ޖެހިފައިވާ ކަންތައްތަށް ކަމަށް، އެންވަޔަރަމެންޓް މިނިސްޓަރުގެ ބަޔާނުގައި ފާހަގަ ކުރެއްވި އެވެ.