އއ. ތޮއްޑޫގެ ބްރައިޓް ކުލަބުން އިންތިޒާމު ކޮށްގެން ބާއްވާ ބްރައިޓް ޗެލެންޖް ކަޕްގެ ކުޅުން އިއްޔެ ހަވީރު ފެށި އިރު ފޯރިގަދަ މެޗުތަކެއް ވެސް އިއްޔެ ކުޅެފި އެވެ.

ބްރައިޓް ކުލަބުން ކޮންމެ އަހަރަކު ވެސް ބާއްވާ މި މުބާރާތުގެ 26 ވަނަ މުބާރާތް ފަށައިގެން ކުރިއަށް ދާ އިރު އިރު އިއްޔެ ވަނީ މި މުބާރާތުގެ ހަތަރު މެޗެއް ކުޅެފަ އެވެ. މި މުބާރާތުގައި ޖުމްލަ 12 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ.

ތޮއްޑޫގައި އިއްޔެ ފެށި ބްރައިޓް ކަޕުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރި އެފްސީ ބާގީ އާއި އެފްސީ ލެޖެންޑުގެ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ބްރައިޓް ކުލަބު

ހަތަރު ގުރޫޕަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދާ އިރު މިއަހަރުގެ މުބާރާތުގައި ރަށުން ބޭރު ޓީމެއް ވެސް ވަނީ ބައިވެރި ވެފަ އެވެ. ކޮންމެ ގުރޫޕެއްގައި ތިން ޓީމު ވާދަ ކުރާ އިރު މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ މަތިން ޕޮއިންޓް ހޯދައި ދެ ޓީމެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ހަވީރު އަދި ރޭގަނޑު ކުޅޭ އިރު ކޮންމެ ދުވަހަކުވެސް ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހަވީރު ދެ މެޗު އަދި ރޭގަނޑު ދެ މެޗު ކުޅޭ އުސޫލުން މުބާރާތް ކުރިއަށް ދާ އިރު ކޮންމެ ދުވަހަކުވެސް ހަތަރު ގުރޫޕުގެ މެޗެއް އޮންނާނެ އެވެ.

މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ އެފްސީ ބާގީއާއި އެފްސީ ލެޖެންޑް އެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެމެޗު 0-1 ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ އެފްސީ ބާގީ އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަށް ހޮވުނީ އެ ޓީމުގެ ޖާޒީ ނަންބަރު 10 އަލީ އަކްސަމް އެވެ.

އިއްޔެ ކުޅުނު ދެވަނަ މެޗުގައި ފްރެއިންޑްސް ޔުނައިޓެޑާއި ހެލޯ ބޭބީ ވާދަ ކުރި އިރު ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރީ ހެލޯ ބޭބީ އެވެ. އެ މެޗުގައި ހެލޯ ބޭބީއިން ވަނީ ހަ ގޯލު ޖަހާފަ އެވެ. ހެލޯ ބޭބީއަށް މެޗުގައި ގޯލުތައް ޖަހައިދިނީ އިބްރާހިމް ޒިޔާދާއި އިސްމާއިލް އަހްމަދުގެ އިތުރުން މުހައްމަދު ޝަފްރާޒް އެވެ. އޭގެ ތެރެއިން ޒިޔާދު ވަނީ އެ މެޗުގައި ހަތަރު ގޯލު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފަ އެވެ.

ރޭ ކުޅުނު މުބާރާތުގެ ތިން ވަނަ މެޗުގައި ބައްދަލު ކުރީ ޔަންގް ސްޓާސް އަދި އޮޅުވާލި އެވެ. އެ މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

ރޭ ކުޅުނު ފަހު މެޗުގައި އެފްސީ ބަންގްލާއާއި ވައި މެކްސް އެފްސީ ބައްދަލު ކުރި މެޗު ނިމުނީ ވައި މެކްސްއިން އެފްސީ ބަންގްލާ ލަދުގަންނަވާލައިގެންނެވެ. ވައި މެކްސް އިން ވަނީ އެ މެޗުގައި ހަތް ގޯލު އެފްސީ ބަންގްލާ ކޮޅަށް ޖަހައިފަ އެވެ. އެ މެޗުގައި ގޯލުތައް ޖެހީ އިބްރާހިމް އުސާމަތު އަދި މުހުތާރު ނަސީރު (ޓޫކިލޯ) އަދި އަބްދުﷲ ޒިހާމްގެ އިތުރުން އަބްދުﷲ ޒިހާން އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ހެޓްރިކް ހެދި އުސާމަތު އެވެ.

މިއަދު ވެސް މި މުބާރާތުގެ ފޯރިގަދަ މެޗުތަކެއ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދު ހަވީރު ކުޅޭ ދެ މެޗުގައި ބައްދަލު ކުރާނީ އޮޅުވާލިއާއި ލަގޫން އަދި ބަންގްލާއާއި ޔުނިކް އެފްސީ އެވެ. އަދި މިރޭ ކުޅޭ މެޗުތަކުގައި ބައްދަލު ކުރާނީ ފްރެއިންޑްސް ޔުނައިޓެޑާއި ކުލަބް ލަޔަންސް އަދި އެފްސީ ބާގީއާއި ލަޔަންސް އެވެ.

ބްރައިޓް ޗެލެންޖް ކަޕަކީ ތޮއްޑޫގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މަގުސަދަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމާ އެކު ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބާރުއެޅުމެވެ.