05 Jun 2019, 21:30
ދަރިވަރުންގެ ލޯނު ލިބޭ ފަރާތްތައް އިއުލާން ކޮށް، ބާކީ ހުރި ފުރުސަތުތަކަށް އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުންދޭ ދަރިވަރުންގެ ލޯނަށް 242 ޖާގަ އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މާޗު މަހު 21 ވަނަ ދުވަހުވެ.
މާޗު މަހު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ލޯނު ލިބުނު ފަރާތްތައް އިއުލާންކޮށްފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާޙިމް ހަސަން މިރޭ "ސަން" އަށް ވިދާޅުވީ، އެ މިނިސްޓްރީން މާޗު މަހު ލޯނަށް ހުޅުވާލި ފުރުސަތުގައި ހުރިހާ ޖާގަތަކަށް ބޭނުންވާ ވަރަށް ދަރިވަރުން ލިބިފައި ނުވާތީ، ބަކީ ހުރި ޖާގަތަކަށް މިމަހު 20 ވަނަ ދުވަހު އަލުން ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.
"އާ ބުރަކަށް އިއުލާން ކުރާނަން މިމަހު 20 ވަނަ ދުވަހު. އަލުން މި ހުޅުވާލަނީ ޔުޓިލައިޒް ނުވާ ސްލޮޓްތައް ޔުޓިލައިޒް ކުރުމަށް އަލުން މި ހުޅުވާލަނީ. މި ފަހަރު މާޗު މަހު ހުޅުވާލި ފުރުސަތުގައި ޑިސްކޮލިފައިވި ދަރިވަރުންނަށް ވެސް ކުރިމަތި ލެވޭނެ. އާ ކުދިންނަށް ވެސް ކުރިމަތިލެވޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
މާޗު މަހު ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯނު ނުލިބޭ ކުދިންނަށް ލޯނު ނުލިބިފައިވަނީ ކީއްވެކަން އަންނަ ހޯމަ ދުވަހު އަންގުމަށް ވަނީ ހަމަޖެހިފައެވެ.
ލޯނާ ގުޅިގެން ދަރިވަރުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ އެފުރުސަތު މަގުފަހި ކޮށްދިނުމުގެ ގޮތުން މައުލޫމާތުގެ ސެޝަންތަކެއް ބޭއްވުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.
މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، 242 ދަރިވަރުންނަށް ލޯނު ދިނުމަށް ހަމަޖެހިފައިވަނީ އަލަށް ކިޔަވަންފަށާ 158 ދަރިވަރުންނަށާއި މިހާރު ކިޔަވަމުންގެންދާ 84 ދަރިވަރުންނަށެވެ. މި ކަމަށް 54 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.
ނޯޓު: މި ހަބަރުގައި ކުރިން ލޯނު ލިބޭ ފަރާތްތައް އަންނަ މަހު އިއުލާނު ކުރާނެ ކަމަށް ލިޔެފައިވަނީ ލިޔުންތެރިއާ އަށް އެރި އޮޅުމަކުން. މިކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން މާފަށް އެދެން