06 Jun 2019, 01:14
ކޮންމެ މީހަކުވެސް އެމީހެއްގެ ފުށުން ޖައްވު ތަގައްޔަރު ކުރުވާ ވިހަ މާއްދާތަކުގެ އަސަރު މަދު ކުރުމަށް މަސައްކަތްކުރުމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އިލްތިމާސްކުރައްވައިފިއެވެ.
އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ވައި ތަގައްޔަރުވުން (އެއަރ ޕޮލޫޝަން) އެވެ.
އެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ ވައި ތަގައްޔަރު ވުމުގެ ސަބަބުން ތަފާތުބޮޑެތި ސިއްހީ މައްސަލަތައް އިންސާނާއަށް ކުރިމަތިވާ ކަމަށެވެ. އަދި އެކަން އަޅުގަނޑުމެންނަށް އެނގުން ނުވި ކަމުގައިވިޔަސް ތަގައްޔަރުވެފައިވާ ވަޔަށް ލާ ކޮންމެ ނޭވާއަކުން ފުއްޕާމެއާއި، ހިތް އަދި ސިކުނޑިއަށް ނޭދެވޭ އަސަރު ފޯރާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ފުއްޕާމޭގައި ވިހަ މާއްދާތައް އަށަގަނެ، ލޭގެ ތެރޭގައި މިމާއްދާތައް ދައުރުވާން ފެށުމުގެ ސަބަބުން ހަށިގަނޑުގެ މުހިންމު އެހެން ގުނަވަންތަކަށް މިކަމުގެ ނޭދެވޭ އަސަރުކުރަން ފަށައެވެ. ހިތުގެ ބަލިތައް، ސްޓްރޯކް، ކެންސަރު، އަދި ފުއްޕާމެޔަށް ޖެހޭ ބަލިތަކަށް މީގައި ހިމެނެއެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 10 މީހުންގެ ތެރެއިން 9 މީހުން ނޭވާ ލާން ޖެހިފައިވަނީ ތަޣައްޔަރުވެފައިވާ ވަޔެވެ." މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވިއެެވެ.
މިނިސްޓަރު ވިދާޅުވީ ޖައްވު ތަގައްޔަރު ކުރާ މާއްދާތައް ދުނިޔޭގެ ވައިގެ ފަށަލައިގައި އިތުރުވުމުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ މިއަދު ހަމައެކަނި ދިރާސާއަކުން ފެންނަން ހުރި ކަންކަމެއް ނޫން ކަމަށެވެ. އެގޮތުން ތޫފާންތަކުގެ ބާރު ގަދަވުމާއި، ހަނަފަސްކަން އިތުރުވުމާއި، ގަސްކަރައަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި ލިބޭ ގެއްލުންތަކަކީ ދުނިޔޭގެ އެތައްބަޔަކު ކޮންމެ ދުވަހަކުވެސް ތަހައްމަލު ކުރަން ޖެހިފައިވާ ކަންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
" ކޮންމެ މީހަކުވެސް އެމީހެއްގެ ފުށުން ޖައްވު ތަޣައްޔަރު ކުރުވާ ވިހަ މާއްދާތަކުގެ ލިސާންތައް މަދު ކުރުމަށް މިއަދު އަތުކުރި އޮޅާލަމާތޯއެވެ؟ ދުއްވާ އިންޖީނުލީ އުޅަނދަކީ ގަވައިދުން ސާރވިސް ކުރާ އުޅަނދަކަށް ހަދަމޯތޯއެވެ؟" މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވިއެެވެ.
އެއްތަނުން އަނެއްތަނަށް ދިޔުމަށާއި ހެލިފެލިވުމުގައި މިހާރަށް ވުރެ ބޮޑަށް ފައިމަގު ނުވަތަ ބައިސްކަލުގެ ބޭނުން ހިފުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ. އަދި ޖައްވުގައިވާ ކިލަނބުކަން ސާފުކުރުމަށް އަޅުގަނޑުމެންގެ މާހައުލު ފެހި ކޮށް އިސްރާފު ކުރުން މަދުކޮށް ކުނި މަދުކުރުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވައިފައެވެ.
" ހަކަތަ އުފެއްދުމުގައި އިޔާދަ ކުރަނިވި ވަސީލަތްތައް ބޭނުންކުރަމާތޯއެވެ؟" މިނިސްޓަރުގެ ޚިތާބުގައި ވިދާޅުވިއެވެ.