ރާއްޖޭގައި ސަގާފީ ހައްގުތައް ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަތުމަށް ޔުނައިޓެ ނޭޝަންސް ސްޕެޝަލް ރެޕަޓުއަ އިން ދަ ފީލްޑް އޮފް ކަލްޗަރަލް ރައިޓްސް ކަރީމާ ބެނޫން ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޔޫއެން އިން ބުނީ ކަރީމާ ބެނޫން ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ ނުވައަކުން މި މަހުގެ 18ގެ ނިޔަލަށެވެ.

މިއީ 2013 ގެ ފަހުން ރާއްޖެއަށް ޔޫއެންގެ ސްޕެޝަލް ރެޕްޓުއައެއް ވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސްމެއެވެ. އަދި ސަގާފީ ހައްގުތައް ކަށަވަރުވެފައިވާ މިންވަރު ބެލުމަށް ސައުތު އޭޝިޔާގެ ގައުމަކަށް ކުރާ ފުރަތަމަ ޒިޔާރަތްވެސްމެއެވެ.

ކަރީމާ ބެނޫން ވިދާޅުވީ ރާއްޖޭގައި ސަގާފީ ހައްގުތައް ލިބިދީފައިވާ މިންވަރު ދެނެގަނެ ގާނޫނާއި ސިޔާސަތުތަކުގެ ތެރެއިން ހައްގުތައް ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ދެނެގަންނަން ބޭނުންވާކަމަށެވެ. އަދި ސަގާފީ ހައްގުތަކުގެ އޮނިގަނޑު ބިނާވެފައިވާ އިންސާނީ ހައްގުތަކުގެ ހަމަތަކަށް ރާއްޖެއިން ހުރުމަތްތެރިކޮށް ހިތާ މިންވަރު ބަލައި ކަލްޗަރަލް ޑައިވަރސިޓީ އާއި ސަގާފީ ހިޔާލު ފާޅުކުރުމަށް އިހްތިރާމްކޮށް އެކަން ކުރިއަރުވާ މިންވަރު ދެނެގަނަނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން ދީނީ ހަރުކަށި ފިކުރުތަކުގެ ސަބަބުން ބައިނަލްއަގްވާމީ ހަމަތަކާއި އެއްގޮތައް ސަގާފީ ހައްގުތައް ލިބިގަތުމަށާއި ތަފާތުކުރުމެއްނެތި އާއްމު ތަންތަނުގައި އެފަދަ ހަރަކާތްތައް ހިންގައި ބައިވެރިވުމަށް ހުރި ގޮންޖެހުތަކަކީ ކޮބައިތޯ ތަހްގީގްކުރުމަށް ވަނީ ނިންމާފައެވެ.

ކަރީމާގެ ދަތުރުފުޅުގައި ރާއްޖެގޭ ހާއްސަ ހާލަތަށް ވިސްނައި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ސަގާފަތަށާއި ސަގާފީ ތަރިކައަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތަށް މުރާޖާ ކުރާނެއެވެ.

އަދި މޫސުމަށް އަންނަ ބަދަލާއި ގުޅިގެން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް ސަގާފަތާ ފަންނުވެރިކަން ބޭނުންކުރާ މިންވަރު ދެނެގަންނާނެއެވެ.

އެ ޒިޔާރަތުގައި ކަރީމާ ރާއްޖޭގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް މާލެ އާއި ރަށްރަށުގެ އިދާރާތަކާއި ސަގާފީ ދާއިރާގައި މަސައްކަތްކުރަމުންދާ މީހުންނާއި ބައްދަލުކުރައްވާނެއެވެ.

ޔޫއެން ސްޕެޝަލް ރެޕަޓުއަ އިން ދި ފީލްޑް އޮފް ކަލްޗަރަލް ރައިޓްސްގެ މަގާމަށް ކަރީމާ ބެނޫން އައްޔަން ކޮށްފައިވަނީ އޮކްޓޯބަރު 2015 ގައެވެ.