އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއި ކުރާނެއެވެ.

މޯދީގެ ދަތުރުފުޅާގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލް ވިދާޅުވީ އިންސާނީ ވަސީލަތް ތަރައްގީ ކުރުމާއި ގައުމީ ތަރައްގީގެ ދާއިރާއިން އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ދާއިރާ، ސިވިލް ސާވަންޓުން ތަމްރީނު ކުރުމުގެ ދާއިރާ އާއި ޒުވާނުންނަށް ހުނަރު ދަސްކޮށްދިނުމާއި ރާއްޖެ އާއި ކޮޗިން އާއި ދެމެދު ކާގޯ ފެރީ ހިދުމަތް ދިނުމުގެ ދާއިރާ އެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ އެއްބަސްވުންތައް:

  • ކޯޕަރޭޝަން އިން ދަ ފީލްޑް އޮފް ހެލްތު

  • ކެޕޭސިޓީ ބިލްޑިން ފޯ މޯލްޑިވިއަން ސިވިލް ސާވަންޓްސް
  • އެމްއޯޔޫ އޮން ހައިޑްރޯގްރެފީ އެންޑް އޯޝަން އިކޮނޮމީ
  • އެމްއޯޔޫ އޮން ޝެއަރިން ވައިޓް ޝިޕިން އިންފޮމޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިއާ
  • ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިން
  • ޕެސެންޖާ އެންޑް ކާގޯ ސާވިސަސް ފެރީ ގެ ހިދުމަތް ދިނުމުގެ އެއްބަސްވުން

މި ދަތުރުފުޅުގައި ސްކިލް ޑިވެލޮޕްމެންޓުގެ ދާއިރާއިން އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި މަޝްވަރާ ކުރެވުނު ކަރަންސީ ސޮވެޕްއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ކެންސަރަށް ފަރުވާ ދިނުމާ ގުޅޭ އެއްބަސްވުމެއްގައި ވެސް ސޮއިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ފެރީ ހިދުމަތް ދިނުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން ނިންމާފައިވާއިރު، މި އެއްބަސްވުމަކީ މީގެ ކުރިން ރައީސް ނަޝީދުގެ ވެރިކަމުގައި ކުރެވުނު މަޝްވަރާތަކާ ގުޅުވައިގެން ކުރިއަށްގެންދިޔަ މަޝްވަރާތަކަށްފަހު ސޮއިކުރާ އެއްބަސްވުމެކެވެ. ފެރީ ހިދުމަތް ދޭނީ ކުޅުދުއްފުށީ ޕޯޓާއި މާލޭ ޕޯޓުން އިންޑިއާގެ ކޮޗިން އަށެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ މާދަމާ މެންދުރުއެވެ. ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މާދަމާ ހަވީރު 4:00 ގައި ޖުމްހޫރީ މައިދާނުގައި ރަސްމިއްޔާތެއް ބާއްވާނެއެވެ.

ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލް -- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

އެއަށްފަހު މޯދީ ވަޑައިގަންނަވާނީ ރައީސް އޮފީހަށެވެ. ރައީސް އޮފީހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. މަޝްވަރާތަކަށްފަހު އެމްއޯޔޫތަކުގައި ސޮއިކުރައްވާ ދެބޭފުޅުން މީޑިއާ އަށް ޖޮއިންޓް ސްޓޭޓުމެންޓެއް ދެއްވާނެއެެވެ.

ޅ. މަޑިވަރުގައި ގާއިމްިުރާ ސިފައިންގެ ތަމްރީނު ސެންޓަރާއި ކޯސްޓަލް ސަވައިލަންސް ރާޑަރު ސިސްޓަމްވެސް މިދދަތުރުފުޅުގައި މޯދީ އިފްތިތާހު ކޮށްދެއްވާނެއެވެ. މި ދެ މަޝްރޫއު އިފްތިތާހުކޮށްދެއްވާނީ ރިމޯޓު މެދުވެރިކޮށެވެ.

ރައީސް އޮފީހުގައި ކުރިއަށް ގެންދަން ނިންމާފައިވާ ރަސްމީ ހަރަކާތްތަކަށްފަހު މޯދީ ދެން ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހަށެވެ. މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާނީ ހަވީރު 6:45 ގައެވެ.

މޯދީގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރަސްމީ ޖާފަތް އޮންނާނީ މާދަމާރޭ ކުރުނބާ މޯލްޑިވްސްގައެވެ.

މޯދީގެ ދަތުރުފުޅުގައި ނައިބު ރައީސް ފައިސަް ނަސީމާ ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އާއިވެސް މޯދީ ބައްދަލު ކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ލޯނު އެއްބަސްވުމެއްގައި ދެގައުމުގެ ދެމެދުގައި ސޮއިކުރަން ނިންމާފައެއް ނުވެއެވެ. ނަމަވެސް ރާއްޖެއަށް އިންޑިއާ އިން ދޭ އެހީތަކާ ގުޅޭގޮތުން މޯދީ ވަހަކަ ދައްކަވާނެ ކަމަށް އުއްމީދު ކުރެވޭކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

މި ދަތުރުފުޅުގައި އިންޑިއާ އެމްބަސީ އެޅުމަށް ހުޅުމާލެއިން ހަމަޖައްސާފައިވާ ބިމުގައި އެމްބަސީގެބިންގާ އަޅާނެކަމަށް ވާހަކަ ދެކެވުނު ނަމަވެސް މި ދަތުރުފުޅުގައި އެ ކަން ކުރިއަށް ނުގެންދާނެ ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ރާއްޖޭގައި ހުންނަ ހުރިހާ ރެޒިޑެންޓް އެމްބަސީތައް އެޅުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން ރެސިޕްރޮކަލް އުސޫލުން ބިން ދޭން ވަނީ ނިންމައިފައެވެ. އިންޑިއާ އިން ރާއްޖެއަށް ދިއްލީ އިން ބިމެއް ދީފައިވެއެވެ. ރާއްޖެއިން އިންޑިއާ އަށް ދިނީ ކިހާވަރެއްގެ ބިމެއްކަމެއް ފޮރިން މިނިސްޓްރީ އަކުން ނުބުނެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މޯދީ ފުރާވަޑައިގަންނަވާނީ އާދިއްތަ ދުވަހު ހެނދުނު އެވެ.