08 Jun 2019, 10:31
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ފައްޓަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވާނީ ހިންދީ ބަހުންކަން ކަށަވަރު ވެއްޖެ އެވެ.
ބޮޑު ވަޒީރު މޯދީ ތަގުރީރު ކުރައްވަން ބާއްވާ ޖަލްސާ އޮންނާނީ، މިރޭ 6:45ގަ އެވެ.
މޯދީ މިއަދު މަޖިލީހުގެ ތަޅުމުގައި ތަގުރީރު ކުރައްވާނީ، އިންޑިއާގެ އެންމެ އާންމު ބަސް ކަމަށްވާ، ހިންދީ ބަހުން އެވެ. އަދި މޯދީ ތަގުރީރު ދެއްވަމުން ގެންދަވާއިރު، މަޖިލީހުގެ މެންބަރުންނަށް ވަގުތުން ދިވެހި ތަރުޖަމާ އަޑުއިވޭޭނެ އިންތިޒާމު މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ޓީވީއެމް އިން އެ ތަގުރީރު ވަގުތުން ދައްކާ އިރުވެސް، ތަގުރީރުގެ ދިވެހި ތަރުޖަމާ ގެނެސްދެވޭނެ އިންތިޒާމްތައް ބަލަމުން އަންނަކަމަށް ވެސް އެނގިފައިވެ އެވެ. މޯދީ އާންމުކޮށް ރަސްމީ ތަންތަނުގައި ވާހަކަފުޅު ދައްކަވަނީ ހިންދީ ބަހުން އެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއުވެސް އެކަން "ސަން"އަށް ކަށަވަރުކޮށްދެއްވި އެވެ. އޭނާ ވިދާޅުވީ މެންބަރުންގެ މޭޒުކޮޅުތަކުގައި ހުންނަ ސިސްޓަމުން ހެޑްސެޓް މެދުވެރިކޮށް ބޮޑު ވަޒީރުގެ ތަގުރީރުގެ ދިވެހި ތަރުޖަމާ ވަގުތުން އަޑުއިވިވަޑައިގަންނަވާނެ ކަމަށެވެ.
"ބޮޑު ވަޒީރު މޯދީ ތަގުރީރު ކުރައްވާނީ ހިންދީ ބަހުން. އަޅުގަނޑުމެން އެބަ ބަލަން ޓީވީތަކަށް ލައިވް ފީޑް ދޭއިރުވެސް ތަރުޖަމާ ފޮނުވޭނެ ގޮތެއް އޮތްތޯ. ހަމަ ޔަގީނުން ވެސް މެންބަރުންނަށް ވަގުތުން ތަގުރީރުގެ ތަރުޖަމާ އަޑުއިވިވަޑައިގަންނަވާނެ،" ޒިޔާއު ވިދާޅުވި އެވެ.
މޯދީ އަކީ ރައްޔިތުން މަޖިލީހުގައި ތަގުރީރު ކުރައްވާ ދެވަނަ ހެޑްއޮފް ސްޓޭޓް އެވެ. މީގެ ކުރިން އެ ޝަރަފު ލިބިވަޑައިގެންނެވީ، 2011 ވަނަ އަހަރު އިންޑިއާގެ އޭރުގެ ބޮޑު ވަޒީރު މަންމޯހަން ސިންހުއަށެވެ.
މޯދީ ރާއްޖެ ވަޑައިގަތުމާ އެކު މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތުތައް މިއަދު ހަވީރު 4:00 ގައި ޖުމްހޫރީ މައިދާން ސަރަހައްދުގައި އޮންނާނެ އެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވުމުގެ އިތުރުން ދެ ގައުމުން ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބައެއް އިގްތިސާދީ މަޝްރޫއުތައް ހިންގުމާއި މާލީ އެހީތެރިކަން އިންޑިއާއިން ދިނުން ހިމެނެ އެވެ.
މޯދީގެ ދަތުރުފުޅު ނިންމާ ލެއްވުމަށް ފަހު މާދަމާ ހެނދުނުގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މިދިޔަ އާންމު އިންތިހާބުގައި މޯދީއަށް ލިބިވަޑައިގަތް ބޮޑު ކާމިޔާބީއަށް ފަހު އޭނާ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިދަތުރުފުޅާ ގުޅޭ ގޮތުން އެމަނިކުފާނު އާންމުކުރެއްވި ކުރުމެސެޖެއްގައި ވިދާޅުވީ، މިދަތުރުފުޅުން ރަމްޒުކޮށްދެނީ ރާއްޖެއަކީ އިންޑިއާޔާ އެންމެ ގާތް އަދި އެންމެ މުހިންމު ބައިވެރިޔާ ކަމަށެވެ. އަދި މި ދަތުރުފުޅުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރައީސްކަމުގެ ހުވާ ކުރެއްވުމަށް ފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާއަށެވެ.