10 Jun 2019, 13:50
ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ތިމާވެއްޓަށް އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ރާއްޖޭގެ ތިމާވެއްޓާ މެދު އިހުމާލުވެ، ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް އަމަލުކުރަމުން ދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގާނޫނުތަކާ ގަވައިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އަންގައި، ހުރިހާ ޓޫރިސްޓު ޕްރޮޕަޓީތަކަށް މި އަހަރު ދެ ފަހަރެއްގެ މަތިން މިނިސްޓްރީން ސާކިއުލާވެސް ފޮނުވާފައިވާ ކަމަށެވެ. އެއީ މި އަހަރުގެ އޭޕްރިލް މަހުގެ 16 ވަނަ ދުވަހާއި، މެއި މަހުގެ 28 ވަނަ ދުވަހުއެވެ.
"ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން މިފަދަ ކަންކަމުގައި އިހުމާލުވާތީ މިކަމާ މެދު ފިޔަވަޅު އެޅުމަށް މި މިނިސްޓްރީން ވަނީ ނިންމާފައެވެ،" ޓޫރިޒަމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
ބައެއް ޓޫރިސްޓް ޕްރޮޕަޓީތަކުން ގާނޫނާ ގަވައިދާ ހިލާފަށް އަމަލުކުރަމުން އަންނަ ކަމުގެ މައްސަލަތަކެއް މި ފަހުން ވަނީ ފެންމަތިވެފައެވެ.
އޭގެ ތެރޭގައި ތިމާވެއްޓަށް ގެއްލުން ދިނުމުގެ މައްސަލަތަކާއި، ކުނީގެ މައްސަލަތައް ހިމެނެ އެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ، ޓޫރިސްޓް ރިސޯޓުތަކުގެ ގޮނޑުދޮށްތައް ހިމާޔަތްކުރުމަށާއި ވެލިން މުއްސަނދިކުރުމުގެ ގޮތުން ފަޅުތަކުން ވެލި ނެގުމަށް 2017 ވަނަ އަހަރު އެކުލަވާލި އުސޫލު ބާތިލުކުރުމަށްވެސް ނިންމާފައެވެ.
އެ މިނިސްޓްރީން ބުނީ ފަޅުތަކުގެ ތިމާވެއްޓަކީ ކަނޑުގެ ދިރުންތައް އާލާވުމަށް މުހިންމު މާހައުލެއް ކަމުން އެ އުސޫލު އުވާލުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި ތިމާވެއްޓާ ގުޅުންހުރި ކަންކަމަށް އިސްކަން ދީގެން ގައުމު ތަރައްގީކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެއް ފަލްސަފާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުގައި މިނިސްޓްރީން އަޅާންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.