11 Jun 2019, 17:22
ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނަރޖީ ރެގިއުލޭޓަރސް (އިލެކްޓްރިސިޓީ) ގެ 4 ވަނަ ބައްދަލުވުމެއް ހޮޓެލް ޖެންގައި ބާއްވައިފައެވެ.
އިއްޔެއާއި މިއަދު ކުރިއަށްދިޔަ އެ ބައްދަލުވުމަކީ، "ސާކް ފްރޭމްވަރކް އެގްރީމަންޓް ފޮރ އެނަރޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ)" ތަންފީޒުކޮށް ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކަރަންޓު ގަނެ ވިއްކުމުގެ ބާޒާރެއް އުފައްދައި އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޑްރާފްޓް މަގުޗާޓު ފައިނަލް ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
އައްޑޫ ސިޓީގައި 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓުގައި ސާކް މެންބަރު ގައުމުތަކުގެ މެދުގައި ހަކަތައިގެ ގުޅުން ވަރުގަދަ ކުރުމަށް ސާކް ފްރޭމްވަރކް އެގްރީމަންޓެއް ވަނީ އެކުލަވާލާފައެވެ.
އަދި ސާކްގެ ދޭދޭ ގައުމުތަކުގެ މެދުގައި އެގައުމެއްގެ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން، ވޮލަންޓަރީކޮށް ކަރަންޓު ގަނެވިއްކުމަށް 2014 ވަނަ އަހަރު ރާއްޖޭގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.
އެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމަށް ސާކް އެނަރޖީ ރެގިއުލޭޓަރސްގެ ދެވަނަ ބައްދަލުވުމުގައި އެނާޖީ ރެގިއުލޭޓަރސް އެކްސްޕަރޓުންގެ ކައުންސިލެއް 2016 ވަނަ އަހަރު އެކުލަވާލައި އަދި ކޮންމެ އަހަރަކުވެސް މި ކައުންސިލްގެ ބައްދަލުވުމެއް ދަނީ ބާއްވަމުންނެވެ.