ރިޔާޒު (ޖޫން 13): ލުބުނާނާއި ދުބާއީގައި ނައިޓްކްލަބުތައް ހުޅުވާފައިވާ ވައިޓް ބްރޭންޑުން ސައުދީ އަރަބިއާގައި "ހަލާލް ނައިޓްކްލަބެއް" ހުޅުވަން ތައްޔާރުވެއްޖެ އެވެ.

ވައިޓްގެ ސީއީއޯ ޓޯނީ ހާބްރާ ބުނި ގޮތުގައި އެކުލަބު ހުޅުވަނީ "ހައި-އެންޑް ކެފޭ އަދި ލައުންޖެއް" ގޮތަށެވެ.

ވައިޓުން ބުނާ ގޮތުގައި ސައުދީ އަރަބިއާގެ ގާނޫނުތަކާ ހިލާފު ނުވާ ގޮތަށް ޖިއްދާގައި މިރޭ ހުޅުވާ އެކްލަބު ހުޅުވާފައި ހުންނާނީ ރޭގަނޑު 22:00އިން 3:00 އަށެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިން އެތަނަށް ވަނުމާއި ބަނގުރާ ވިއްކުން މަނާވާނެ އެވެ.

މީގެ އިތުރުން އެތަން ހުޅުވާފައި ހުންނާނީ މިމަހުގެ އަށެއްގައި ފެށުނު ޖިއްދާ ސީޒަން ފެސްޓިވަލް ނިމެންދެނެވެ. އަންނަ މަހުގެ 18ގައި ނިމޭނެ އެފެސްޓިވަލަކީ ޖިއްދާގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ތަފާތު ހަރާކާތްތަކާ އެކު ފާހަގަ ކުރާ ދުވަސްތަކެކެވެ.

ނަމަވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ވަނީ މައްކާ ކައިރީ އޮންނަ ޖިއްދާގައި އެފަދަ ކްލަބެއް ހުޅުވުމާ ދެކޮޅަށް ވާހަކަ ދައްކާފަ އެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން 2030އަށް އެކުލަވާލައްވާފައިވާ ތަސައްވަރުގެ ދަށުން އެގައުމަށް ދަނީ ތަފާތު އިގުތިސާދީ އަދި އިޖުތިމާއި ބަދަލުތައް ގެންނަމުންނެވެ. އެގޮތުން ގައުމު ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ފަތުރުވެރިކަން ދަނީ ކުރިއަރުވަމުންނެވެ.