16 Jun 2019, 10:35
ނިއުދިއްލީ (ޖޫން 16) : އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުމަށް މަގުފަހިކުރުމަށްޓަކައި ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރަންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.
މޯދީ މިހެން ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުންތައް ރަނގަނޅު ކުރުމަށް ޓަކައި އެގައުމުގެ ލީޑަރުންނާ ވާހަކަ ދައްކަވަން ތައްޔާރަށް ހުންނެވި ކަމަށް އިޝާރާތް ކުރައްވައި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ދެއްވި ބަޔާނަކަށް ރައްދު ދެއްވުމުގެގޮތުން ކަމަށް އިންޑިއާގެ މީޑިއާއިން ބުނެ އެވެ. އިންޑިއާގެ ނޫސްތަކުގައި ޝާއިއުކޮށްފައިވާ ރިޕޯޓްތައް ބުނާ ގޮތުން މޯދީ މިހެންވިދާޅުވީ މީގެ ދެ ދުވަސްކުރިން ކިރިގިސްތާނުގައި ބޭއްވި "ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން"ގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގަ އެވެ.
ޗައިނާއަކީ ޕާކިސްތާނުގެ ސްޓްރެޓީޖިކް ބައިވެރިއަކަށްވާތީ މޯދީ ޗައިނާގެ ރައީސްގެ އަރިހުގައި މިމޭރުމުން ވާހަކަ ދެއްކެވުމަކީ އެކަމުގެ މެސެޖް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާންޚާނަށް ލިބިވަޑައިގަންނަވާނެ ކަމެއްކަމަށް އިންޑިއާ އިން ދެކެ އެވެ.
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ސުލްޙައިގެ ވާހަކަތައް ފެށުނު ނަމަވެސް އެވާހަކަތައް ނާކާމިޔާބުވެފައި ވަނީ ޓެރަރިޒަމާ ދެކޮޅަށް ޕާކިސްތާނުން ބިނާކުރަނިވި ފިޔަވަޅުތަކެއް އަޅަމުން ނުގެންދާތީކަން ވެސް މޯދީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާ ކުރެއްވި މަޝްވަރާތަކުގައި ވިދާޅުވި ކަމަށް ޚަބަރުތައް ބުނެ އެވެ.
"ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން"ގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ޚާންވަނީ އިންޑިއާ އާއި ޕާކިސްތާނަކީ އަވަށްޓެރި ދެގައުމު ކަމަށާ އެދެގައުމުގެ ގުޅުންތައް މިހާބޮޑަށް ގޯސްވެފައި ދުވަސްވަރެއް މިފަހަކަށްއައިސް ފެނިފައިނުވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިއީ އިންޑިއާ އާއެކު ސުލްޙައިގެ ވާހަކަތައް ފެށުމުގައި ޕާކިސްތާނުގެ ނިޔަތް ރަނގަނޅު ކަމުގެ މެސެޖް ކަމަށް ބެލެވިފައި ވީނަމަވެސް ޝަންހާއި ކޯޕަރޭޝަން ސަމިޓްގެ އަރިމަތީގައި އިމްރާން ޚާންއާއި މޯދީ ބައްދަލުކުރައްވާފައެއް ނުވެ އެވެ. އެ ސަމިޓްގެ އަރިމަތީގައި އިމްރާންޚާން އާ ވަކިން ބައްދަލުކުރެއްވުމުގެ ޕްލޭނެއް މޯދީ ނުގެންގުޅުއްވާ ކަމަށް އިންޑިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ރަވީޝް ކުމާރު މާ ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ.
ޕާކިސްތާނާއި އިންޑިއާގެ ގުޅުންތައް މިފަހަކަށް އައިސް ގޯސްވެގެން ދިޔައީ މިދިޔަ ފެބްރުއަރީ މަހު ޖަންމޫ ކަޝްމީރުގެ ޕުލްވަމާ ސަރަހައްދަށް ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތަކުން ދިން ހަމަލާއަށް ފަހު ކަޝްމީރުގެ ވައިގެ ސަރަހައްދުގައި ޕާކިސްތާންގެ ވައިގެ ސިފައިންނާއި އިންޑިޔާގެ ވައިގެ ސިފައިންނާދެމެދު ހިނގި ކުރުމަތިލުންތަކާ ގުޅިގެންނެވެ. ޕުލްވަމާ ސަރަހައްދަށް ހަމަލާދިން ކަޝްމީރުގެ ޖަމާއަތަކީ ޕާކިސްތުގެ މަދަދު ލިބޭ ޖަމާއަތެއް ކަމަށް އިންޑިއާ އިން ތުހުމަތު ކުރެ އެވެ. ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެ އެވެ. އިންޑިއާ އާއި ޕާކިސްތާނުގެ ވައިގެ ސިފައިންގެ ކުރިމަތިލުންތަކުގައި ޕާކިސްތާނުން ވަނީ އިންޑިއާ ސިފައިންގެ ދެފައިޓާޖެޓް ވައްޓާލައި އޭގެތެރެއިން އެއްޖެޓްގެ ޕައިލެޓް ހައްޔަރުކޮށްފަ އެވެ. ނަމަވެސް ޕާކިސްތާނުންވަނީ ހައްޔަރުކުރި އިންޑިއާގެ ޕައިލެޓް، ވަރަށް އަވަހަށް މިނިވަންކޮށް އިންޑިއާއަށް ސުލްހައިގެ މެސެޖެއް ދީފަ އެވެ.
ޝަންހާއި ކޯޕަރޭޝަންގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި ކިރްގިސްތާންގެ ވެރިރަށް ބިޝްކެކް އަށް މޯދީ ކުރެއްވި ދަތުރުފުޅުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުގެ މަތިން ދަތުރުކުރެއްވުމުގެ ހުއްދައަށް އެދި އިންޑިއާ ސަރުކާރުން އެދުމުން ޕާކިސްތާނުން އެހުއްދަ ދިންނަމަވެސް މޯދީ ދަތުރު ކުރެއްވި މަތިންދާބޯޓު ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބޭނުންކޮށްފައިނުވާ ކަމަށް އިންޑިއާ އިން ބުނެފައިވެ އެވެ. (ނޫސްއެޖެންސީތައް)