ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލައެއް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ތިން ފަނޑީޔާރުންނެއް ކަމެއް އަދި އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އޭނޭ ވިދާޅެއް ނުވެއެވެ.

"ސަން" އަށް އެނގިފައިވާ ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން އިއްޔެ ވަނީ، މިދިޔަ އަހަރު ސިޔާސީ ފަރާތްތައް ދޫކޮށްލުމަށް އެކެއް ފެބުރުއަރީގެ ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލު ކުރުމަށް އަމުރު ނެރެން ސޮއި ކުރިން ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ އެއް ހުށަހަޅާފައެވެ.

ފަސް ފަނޑިޔާރުންގެ ސޮޔާއެކު އެކެއް ފެބުރުއަރީގައި ނެރުނު އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އަދި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރެވުނެވެ. އޭގެ ފަހުން އެ އަމުރު ނެރެން ސޮއި ކުރި އަނެއް ތިން ފަނޑިޔާރުން ވަނީ އެ އަމުރު ބާތިލުކޮށްފަ އެވެ.

އަމުރު ބާތިލު ކުރަން ނެރުނު އަމުރުގައި ސޮއިކުރި ތިން ފަނޑިޔާރުންނަކީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. ޖޭއެސްސީއަށް ހުށަހެޅި އެ ތިން ފަނޑިޔާރުންގެ މައްސަލަ އެވެ.

އެކެއް ފެބުރުއަރީގެ އަމުރުގެ ބައެއް ބައިތަށް ސުޕްރީމް ކޯޓުން ބާތިލު ކުރީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެކެއް ފަބުރުއަރީގައި ފުރަތަމަ އަމުރު ނެރުނު އިރު ސޮއިކުރި ފަނޑިޔާރުން ހަމަ އެ އަމުރު ބާތިލު ކުރަން ސޮއިކޮށް އަމުރު ނެރުމުން ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދައި އެއީ ފަނޑިޔާރުންގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބުނެފަ އެވެ.

ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެެއްގެ މައްސަލަ ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފައިވާއިރު، އެ ކޮމިޝަނުން ދަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ދެ މައްސަލައެއް ބަލަމުންނެވެ. މިއަދު ކޮމިޝަނުން ވަނީ، ފަނޑިޔާރު އަބްދުﷲ ދީދީ އެދިފައިވާގޮތަށް އެ ދެ މައްސަލަ އާންމުންނަށް ހުޅުވަލައިގެން ބޭއްވުމަށް ނިންމާފައެވެ.