18 Jun 2019, 15:43
ނުވަ ހާސް ދުއިސައްތަ ހައުސިން ޔުނިޓް އެޅުމަށް ފްރޭމްވޯކް އެއްބަސްވުމެއްގައި ހައުސިން މިނިސްޓްރީން ސޮއިކޮށްފި އެވެ.
ރާއްޖެ ޓީވީން ގެނެސްދޭ ފަލަ ސުރުހީ ޕްރޮގާރްމާގައި ރޭ ވާހަކަ ދައްކަވަމުން ހައުސިންގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ އެ ހައުސިން ޔުނިޓްތައް އެޅުމަށް ސޮއިކުރީ މިދިޔަ އޭޕްރީލް މަހު ކަމަށެވެ.
އެ ހައުސިން ޔުނިޓްތައް އަޅާނީ ބޯހިޔާވަހިކަން ހޯދައިދިނުމަށް ދާދި ފަހުން އުފެއްދި ކުންފުނި ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) މެދުވެރިކޮށް ކަމަށް ވެސް ޝާމިން ވިދާޅުވި އެވެ.
ޝާމިން ވިދާޅުވީ އެ ފްރޭމްވޯކްގެ ދަށުން 4200 ހައުސިން ޔުނިޓް މާލެ ސަރަހައްދުގައި އެޅާނީ ޗައިނާ ކުންފުންޏަކުން ކަމަށެވެ.
އަދި ބާކީ 5000 ޔުނިޓް އަޅާނީ ދެކުނުގެ އަތޮޅުތަކުގައި ކަމަށާއި އެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޝާމިން ވިދާޅުވީ އެ ފްރޭމްވޯކްގެ ދަށުން ކުރެހުންތައް ތައްޔާރު ކުރުމާއި، ބިން ފައިނަލައިޒް ކުރުމާއި އަދި ސަރުކާރާ ގުޅިގެން ފައިނޭންސް ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އެކަންކަން ކުރުމަށް ހަ މަސް ދުވަހުގެ މައްދަތެއް ދީފައިވާ ކަމަށާއި އެއަށް ފަހު ކޮންސްޓަރަކްޝަންގެ އަމަލީ މަސައްކަތުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ޝާމިން ވިދާޅުވި އެވެ.
ޝާމިން ވިދާޅުވީ އަތޮޅުތަކުގައި ހައުސިން ޔުނިޓްތައް އަޅާނީ ކައުންސިލްތަކާއި އެހެނިހެން ފަރާތްތަަކާ މަޝްވަރާކޮށް ރަނގަޅަށް އެސެސްމަންޓްތައް ހެދުމަށް ފަހު ކަމަށެވެ.