ކ. މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަން ބަލަން ނިންމައިފި އެވެ.

އިއްޔެ މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ކަރެކްޝަންސްގެ އޮފިސަރުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރިކަމަށް ހޯމް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

މަޖިލިސް އިދާރާ އިން މިރޭ ބުނީ، ޖަލުގައި އިއްޔެ ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން، އެކަން ހިނގާދިޔަގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ދިރާސާ ކުރުމަށް ބާއްވާ ބައްދަލުވުން މާދަމާ ހެނދުނު 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ބުނެއެވެ.

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ހިއުމަންރައިޓްސް ކޮމިޓީގެ މުގައްރިރަކީ، ހިިންނަވަރު ދާއިރާ މެމްބަރު ޖީހާން މަހުމޫދެއެވެ.

ޖީހާން މިރޭ "ސަން" އަށް ވިދާޅުވީ، ކޮމިޓީގެ މާދަމާގެ ބައްދަލުވުމުގައި، ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އެކަންތައް ބެލުމަށް އަމަލުކުރައްވާނެ ގޮތެއް ކަނޑައަޅާނެ ކަމަށެވެ.

"މާދަމާ ކޮމިޓީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު، ކޮމިޓީން ނިންމަވާ ގޮތަކަށް މަސައްކަތްތަށް ވިލެރެސް ކުރާނެ،" މަފުށީ ޖަލުގައި ހިނގި ހަމަނުޖެހުންތަކާ ގުޅުގެން ހިއުމަންރައިޓްސް ކޮމިޝަންގެ ކުއްލި ބައްދަލުވުމާ ގުޅޭގޮތުން ޖީހާން ވިދާޅުވިއެވެ.

އިއްޔެ ހިނގައި ދިޔަ ހަމަނުޖެހުމުގައި ގައިދީންގެ ބޯ ބާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އެކަން ކަރެކްޝަނަލް ސާވިސް އިން ދޮގުކުރެއެވެ.

މަފުށީ ޖަލުގައި މިއަދުވެސް ހަމަނުޖެހުން ހިނގަމުންދާ ކަމަށް ދެކެވޭ ވާހަކަތައްވެސް ކަރެކްޝަންސް އިން ވަނީ ދޮގުކޮށްފައެވެ.

ހޯމް މިނިސްޓްރީން ބުނިގޮތުގައި ހަމަނުޖެހުންތައް ތަހުގީގު ކުރުމަށްފަހު، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމަަށެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތައް ތަހުގީގު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުންވެސް ވަނީ ބުނެފައެވެ.

ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އިއްޔެ އޮފިސަރަކަށް އަނިޔާވެ، ފަރުވާ ދިނުމަށް މާލެވެސް ގެނެވުނެވެ.