26 Jun 2019, 16:23
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގެ ކިއު ބޮޑުވެ ހުޅާއި އުނަގަނޑު ބަދަލުކުރުމުގެ އޮޕަރޭޝަންތައް ޓްރީޓޮޕް ހޮސްޕިޓަލްއިން ކުރާގޮތަށް ނިންމައިފިއެވެ.
އައިޖީއެމްއެޗްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި އެ ހޮޮސްޕިޓަލާއި ޓްރީޓޮޕްއާއި އަދި އާސަންދައާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިވެސްކޮށްފައެވެ.
އެ އެއްބަސްވުމުގައި އައިޖީއެމްއެޗްގެ ފަރާތުން ސީއީއޯ އިބްރާހިމް ސަލީމް ސޮއިކުރެއްވިއިރު ޓްރީޓޮޕްއިން ސޮއިކުރެއްވީ އެ ހޮސްޕިޓަލްގެ ސީއީއޯ ޑޭވިޑް ފެއިންބާގްއެވެ. އަދި އާސަންދައިގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެެއްވީ އެ ކުންފުނީގެ ސީއީއޯ މަރިޔަމް ޝަފީގެވެ.
އައިޖީއެމްއެޗްގެ ސީއީއޯ ސަލީމް ވިދާޅުވީ އެ ހޮސްޕިޓަލުގެ ޕޭޝަންޓުން ޓްރީޓޮޕަށް ފޮނުވާނީ "ރިފަރަލް ކޭސާސް"ތަކެއްގެ ގޮތުގައި ކަމަށާއި އަދި އެ އޮޕަރޭޝަންތަކަށް ޓްރީޓޮޕްއިން ވަކި ޕެކޭޖެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ.
"މީގެ އަސްލު ބޭނުމަކަށް މިވަނީ ރައްޔިތުންނަށް ފަސޭހަކޮށްދިނުން. ރައީސް ސޯލިހުގެ ވައުދެއް އެއީ ކިއު ކުޑަކުރުން. ސިއްހީ ފަރުވާ އަަވަސްކުރުން. އޭގެ ނިޒާމުގެ ދަށުން އަޅުގަނޑުމެން ޓްރައިޕާޓީގެ ދަށުން އެއްބަސްވުން މިވީ،" ސީއީއޯ ސަލީމް ވިދާޅުވިއެވެ.
ސަލީމް އިތުރަށް ވިދާޅުވި އެ އޮޕަރޭޝަންތައް ކުރަން 177 މީހުން މިހާރުވެސް ވެއިޓްލިސްޓް ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހާ ގިނަ މީހުން އޮޕަރޭޝަން ކުރާނެ އެނދު ކެޕޭސިޓީ އައިޖީއެމްއެޗްގައި ނެތް ކަމަށެވެ.
އެނދުގެ ކެޕޭސިޓީ ނެތަސް އައިޖީއެމްއެޗްގައި ވަރަށް ރަނގަޅު އޮޕަރޭޝަން ކުރާނެ ޑޮކްޓަރުންގެ ޓީމެއް އެބައޮތްކަމަށް ސަލީމް ވިދާޅުވިއެވެ.
އާސަންދައާއެކު ހެދި އެއްބަސްވުމުގެ ދަށުން އޮޕްރޭޝަން ޕެކޭޖުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 65،000 ރުފިޔާއެވެ. އޭގެން އެއްވެސް ފައިސާއެއް ބަލިމީހާ ދައްކާކަަށް ނުޖެހޭނެއެވެ.